ސިފައިންނާ ފުލުހުންނަށް ލިޔަން ކިޔަން އެނގޭ ކަމުގައިވާ ނަމަ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް މަޖިލިސް ހިސާރުކުރަން ނުބުނެވޭނެކަން އެނގެންޖެހޭ ކަަމަށާއި އެކަމަށް ސިފައިން އަމިއްލައަށް ނޯ ސަރ އޭ ބުނަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން، އަލީ ހުސައިން ވިދާޅުވީ، ދިވެހި ރާއްޖޭގައި ގާއިމް ކުރެވިފައިވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމުގައި ބަޔާންކޮށްފައިވާ އިރު، ކަނޑައެޅިގެން ސިފައިންނާއި ފުލުހުންނަށް މަޖިލީހަށް އަތް ނުފޯރުވޭ އިރު އެކަން ކުރުމަށް އިސްވެރިން ގޮވާލި ނަމަވެސް މިޑްލް ރޭންޖްގައި ތިބި ސިފައިންނާއި ފުލުހުން އެކަމަށް ދެކޮޅު ހަދަންޖެހޭ ކަމަށެވެ.
"ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ރައްޔިތުންގެ މަޖިލީސް ހިފަހައްޓައިގެން ފަނޑިޔާރުންތަކެއް ވަގަށް ނަގައިގެން މެންބަރުންތަކެއް ވަގަށް ނަގައިގެން ކުރީގެ ރައީސް މައުމޫން، ރައީސް ޔާމީންގެ މިއަދުގެ ބައްޕަ އެއީ. އެހެންވީމަ ބަފާ ޖަލަށްލައިގެން މިއުޅެނީ. އަމިއްލަ ބައްޕަ ޖަލަށް ލައިގެން ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ވެރިކަން ކުރާ އިރު އަޅުގަނޑު ހިތަށް އަރަނީ ދިވެހި ސިފައިންނާއި ފުލުހުންގެ ޒަމީރު ކޮބައިބާއޭ." އަލީ ހުސައިން ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ސިފައިންނާއި ފުލުހުންނަށް ކޮންމެ ދުވަހަކަށް 7 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހެނީ ކީއްވެގެންތޯ އަދި ކީއްކުރަންތޯ މިއީ ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.