މުދަލުގެ ޒަކާތް ވާޖިބުވާ ނިސްބަތް އިތުރު ވެއްޖެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިޞާބް 5033.70ރ. އަށް މިހާރު ވަނީ އިތުރު ވެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން މުދަލުގެ ޒަކާތުގެ ނިޞާބަކީ 4944.40ރ. ނަމަވެސް މި މަހުން ފެށިގެން އެ އަދަދު 5033.70ރ. އަށް އިތުރުވެފައިވާ ކަމަށެވެ.
ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓްގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނަށް 14.6 މިލިއަން ރުފިޔާ ބަހާފައިވެއެވެ. ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން 16،269 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި މިހާރު އޮންލައިންކޮށް ވެސް ޒަކާތް ދެއްކެއެވެ.