ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 17 އިންސައްތަ އިތުރުވެފައި ވާކަމަށާއި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު %23 އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ނެރުނު ޖެނުއަރީ މަހުގެ ތަފާސް ހިސާބުގައި ބުނެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 276 މިލިއަން ރުފިޔާ ލިބިފައިވާ އިރު 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބިފައި ވަނީ 224 މިލިއަން ރުފިޔާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު މިޢަދަދު ވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 20 އިންސައްތަ ޔޫއޭއީ އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ %19 އަދި އިންޑިއާ އިން %12 މުދާ އެތެރެކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ %41 ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 10 އިންސައްތަ އެކްސްޕޯޓްކޮށްފައި ވަނީ އެމެރިކާ އަށެވެ. އަދި ޖަރުމަން ވިލާތަށާއި އިނގިރޭސިވިލާތަށް އަށެއް އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، ފަރަންސޭސިވިލާތަށް ހަތެއް އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.
ފާއިތުވި ޖެނުއަރީ މަހު ދިވެހިރާއްޖެ އިން އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 2017 ޑިސެމްބަރު މަހާ އަޅާބަލާއިރު ހައެެއް އިންސައްތަ އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހު 445 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ވަނީ 474 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.