ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ފޮރުވި ކަމަށް ބުނާ މައްސަލާގައި ބުދަ ދުވަހު ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ހުށައެޅި ހަތް ސިއްރު ހެކިންގެ ތެރެއިން ތިން ހެކިންގެ ހެކި ބަސް ނެގުމަށް އަންގާރަ ދުވަހު ތާވަލްކުރި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ. މި އަޑުއެހުންތަށް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ވަނީ ނަގައިފައެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ހެކިބަސްދީފައި ވަނީ ރިލްވާނާ އެކު ފެރީ އިން ދަތުރުކުރި އޭނާގެ ރަހުމަތްތެރިޔެކެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްދިން އެ މީހާ ބުނީ ދެ މީހުން އެކުގައި ވަރަށް ގިނައިން ފެރީގައި ދަތުރުކުރާކަމަށެވެ. ރިލްވާން ގެއްލުނު ރޭ ފެރީގެ ތެރެއިން ރިލްވާނާ ދިމާވީ 1:00 ގައި ކަމަށް އޭނާ ބުންޏެވެ. ރަހުމަތްތެރިޔާ ބުނި ގޮތުގައި ދެ މީހުން ތިބީ ކައިރިކައިރީގައި ޖެހިގެންނެވެ.
މި މައްސަލާގައި ހެކީގެ ގޮތުގައި ދައުލަތުން ޖުމްލަ 29 ހެއްކެއް ހުޅައަޅާފައި ވާއިރު، ރިލްވާންގެ އާއިލާގެ ގިނަ މެމްބަރުންތަކެއްގެ ނަން ވެސް ވަނީ ހުޅައަޅާފައެވެ. އަދި އެމީހުން ހެކި ބަސް ދިނުމަށް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގާފައެވެ. މައްސަލައިގެ ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.