އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް އެމިނިކުފާނު ދޫކޮށްލުމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ގޮވާލައިފިއެވެ.
ޝެއިހް އިމްރާންގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް އެންމެ ފުރަތަމަ ހުށަހެޅީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލަ އެ ގްރޫޕަށް ހުށަހެޅީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ފަރާތުންނެވެ. މި މައްސަލައިގައި ވޯކިން ގްރޫޕުން ވަނީ ސަރުކާރުގެ ބަސް ވެސް ހޯދައި މައްސަލަ ވަރަށް ބޮޑަށް ދިރާސާކޮށްފައެވެ.
އެ ގްރޫޕުން ނިންމި ނިންމުމުގައި ވަނީ ޝެއިހް އިމްރާން ބަންދުކުރެވިފައި ވަނީ ނުހައްގުން ކަމަށާއި މި މައްސަލައިގައި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަން ރައިޓްސްގެ އެތަކެއް މާއްދާތަކާ ސަރުކާރުން ހިލާފުވެފައިވާ ކަމަށެވެ. އެހެން ކަމުން ވީ އެންމެ އަވަހަށް ޝެއިހް އިމްރާން ޖަލުން މިނިވަން ކުރުމަށާއި އެމަނިކުފާނު ޖަލަށް ލެވުމުގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.
ޝެއިހް އިމްރާން ދޫކޮށްލުމަށް ވޯކިން ގްރޫޕުން ގޮވާލާފައިވާއިރު ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައިގައި ވޯކިން ގްރޫޕުން ވަނީ އެ ދެ ބޭފުޅުން މިނިވަންކުރުމަށާއި ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާފައެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެ ގޮވާލުމާ އެއްގޮތަށް އަމަލުކުރުން ލާޒިމް ނޫން ކަމަށް ބުނެފައެވެ.