މުޒާހަރާ އިން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ދެ އެކްޓިވިސްޓަކު، މުޒާހަރާއަށް ދިއުން މަނާކޮށް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ބުދަ ދުވަހު ދޫކޮށްލާފައި ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ މަގުމަތީ ހަރަކާތްތަކުގައި ވަރަށް ގިނައިން ބައިވެރިވާ ދެ އެކްޓިވިސްޓުން ކަމުގައިވާ ހުސައިން އިލްހާމާއި އެމްޑީޕީ އަންހެނުންގެ ރޫހުގެ މެންބަރު ޚަދީޖާ އާދަމްއެވެ.
އެ ދެ މީހުން ވެސް ޝަރުތަކާ އެކު ދޫކޮށްލާފައި މިވަނީ ބަންދުކުރުމަށް ފަހު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްހާމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހަށް ބައެއް މެންބަރުން ވަދެވަޑައިގަތުމަށް މަސައްކަތް ކުރުމުން ސިފައިން މަޖިލިސް ހިސޯރުކޮށް އެމެންބަރުންނަށް ހުރަސްއެޅުމުން މަޖިލިސް ދޮށަށް އެއްވެ ޝުއޫރު ފާޅުކުރަމުން ދަނިކޮށެވެ. އަދި ޚަދީޖާ ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ގުޅިފައިވާ ޕާޓީތަކުން ކުރި އިހުތިޖާޖުގެ ތެރެއިންނެވެ.
މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޢާއްމުން ވެސް ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ވަނީ މުޒާހަރާއަށް ނުދިއުމަށް ޝަރުތު ކޮށްފައެވެ. ނަމަވެސް ބައެއް މެންބަރުން އެކަން ޤަބޫލު ނުކުރެއްވުމުން އެގޮތައް ޝަރުތުކޮށް ދޫކޮށްލުން ވަނީ ހުއްޓާލާފައެވެ.
ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ކުރި އަމުރު ތަންފީޒް ކުރަން ގޮވާލާ ކޮންމެ ރެއަކު ވެސް ގުޅިފައިވާ ޕާޓީތަކުން ދަނީ ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ.