ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުނުކޮށް ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން އެހެން މަންޒިލްތަކަށް މިސްރާބު ޖަހާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
ރޮއިޓާސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ބުކިންތައް ކެންސަލްވެފައިވާ ކަމަށް ޓުއާ އޮޕަރޭޓަރުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވެއެވެ. ބުކިންތައް ކެންސަލްވި ނަމަވެސް ރާއްޖޭގެ ސަރުކާރުން ބުނަމުން ދަނީ މިކަމުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރަމުން އަންނަ ފަތުރުވެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލާ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަ އިން ދަތުރުކުރާ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވަޒަރީތަކެއް ނެރެފައެވެ. އެގޮތުން ޗައިނާ އާއި ފްރާންސް އަދި ޔޫކޭ ފަދަ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ. މި ގައުމުތަކުގެ އިތުރުން އިންޑިއާ، ލަންކާ، ސައުދީ އަރަބިއްޔާ، ޖަރުމަނު، ކެނެޑާ އަދި ޔޫއޭއީ އިން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފައެވެ.
ވިލާ ގްރޫޕްގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ފަރާތުން ރޮއިޓާސްއާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ކޮންމެ ދުވަހަކު 50-60 ދެމެދުގެ އަދަދަކަށް ރޫމް ކެންސަލް ވަމުންދާ ކަމަށާއި މި އަދަދަށް އެއްވެސް ބަދަލެއް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ. ރާއްޖެއަށް އެންމެ ގިނަ އިން ފަތުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އަދި ޗައިނާގެ މާކެޓުތަކުން ގިނަ އަދަދެއްގެ ބުކިން ކެންސަލް ކުރަމުން އަންނަ ކަމަށް ނަން ހާމަނުކުރުމަށް އެދި ރޮއިޓާސްއަށް މައުލޫމާތު ދިން ޓުއާ އޮޕަރޭޓަރަކު ބުނެފައިވެއެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބިނާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުން ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.