ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ފުލުހަށް ހާޒިރުވާން އަންގާފިއެވެ.
ބުދަ ދުވަހު ފުލުހުން މަހުލޫފަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު މަހުލޫފްގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ބުރާސްފަތި ދުވަހު 3:00 ގައި ފުލުހަށް ހާޒިރުވާން އަންގާ ކަމަށެވެ.
މިކަމާ ގުޅިގެން މަހުލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "ފުލުހަށް ހާޒިރުވާނީ ވަރަށް ކެރިގެން" ކަމަށެވެ. ފުލުހަށް ހާޒިރުކޮށް، ހައްޔަރުކޮށް، ޖަލަށް ލިއަސް ފަހަތަށް ނުޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ހުކުމް ކުރުމުން އިދިކޮޅު ފަރާތަކުން އެހުކުމް ތަންފީޒުކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި މަހުލޫފް ގެންދަވަނީ އިސްކޮށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މިހާރު ވެސް މަހުލޫފްގެ މައްޗަށް ޖީނާއީ ތުހުމަތުތަކެއްކޮށް، ފުލުހުން ދަނީ މައްސަލަ ތަޙްގީގް ކުރަމުނެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގިކަމުގެ ތުހުމަތު މަހުލޫފްގެ މައްޗަށް ވަނީ ކޮށްފައެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓް މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ.