ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނަށް ފުލުހުން ފެން ފައިވާނެއް ދީފައިވާ ކަމަށް ފާރިސްގެ ވަކީލް، ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރީއްސުރެ ފާރިސްގެ ތުރުކުރައްވަނީ ހައްޔަރުކުރިއިރު ތުރުކުރައްވައިގެން ހުންނެވި އޮފީސް ބޫޓު ކަމަށާއި، ފާރިސް އަށް ފެން ފައިވާނެއް ފޮނުވުމަށް އާއިލާ އިން މަސައްކަތް ކުރުމުން، ފުލުހުން އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ފާރިސްގެ ދައްތަ، ޔުމްނާ މައުމޫން ވަނީ ހާމަކުރައްވާފައެވެ.
ފެބްރުއަރީ 12 ވަނަ ދުވަހު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސްއަށް ފެންފައިވާނެއް ފޮނުވުމަށް އާއިލާ އިން މަސައްކަތްކުރާތާ ތިން ދުވަސްވެފައިވާ ކަމަށެވެ. އަދި ފުލުހުން އެކަމަށް ހުއްދަ ނުދެނީ ކީއްވެތޯ އާއި، ފައިވާނަކީ ނުރައްކާތެރި އެއްޗެއްތޯ ޔުމްނާ ވަނީ ސުވާލުކުރައްވާފައެވެ.
My brother @afarismaumoon is still wearing the office shoes he was arrested in. Family has been trying to send slippers (fen faivaan) to him for the last 3 days. Wonder why @PoliceMv not allowing it? Are 'faivaan' dangerous? @hrcmv @amnesty @UNHumanRights
— Yumna Maumoon (@yumna_maumoon) February 12, 2018
ބުދަ ދުވަހު ފެންފައިވާނެއްގެ ފޮޓޯއަކާ އެކު ފާރިސްގެ ވަކީލް، ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ފާރިސްއަށް މިހާރު ފެންފައިވާނެއް ފޯރުކޮށްދީފައިވާ ކަމަށާއި، އެކަމަށްޓަކައި، ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
I'm delighted to announce that my client @afarismaumoon has today, finally, received a slippers (fen-faivan) with compliments from @PoliceMv. I'd like to thank @agofficemv, @foreignMV, international community for their support in this endeavor. Google. pic.twitter.com/HKkZALdzCI
— Hussain Shameem (@HuShameem) February 14, 2018
ހަ މަސް ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު، ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު ފާރިސް މިނިވަން ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ފާރިސް މިނިވަން ކުރިތާ 50 ގަޑިއިރުފަހުން ކްރިމިނަލް ކޯޓުގެ އިތުރު އަމުރަކާއިއެކު ޖަނަވަރީ 27 ވަނަ ދުވަހު ފުލުހުން ވަނީ އަލުން ފާރިސް ހައްޔަރު ކޮށްފައެވެ.
އަދި އޭގެ ފަހުން، ފެބްރުއަރީ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއިއެކު ކްރިމިނަލް ކޯޓުން ފާރިސް މިނިވަން ކުރަން ނިންމުމުން، ފާރިސް މިނިވަން ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނުއެވެ. އަދި އެއަށް ފަހު ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ އަނެއްކާ ވެސް ފާރިސް ހައްޔަރުކޮށްފައެވެ.
ފާރިސްގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ދިނުމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، ޤާނޫނާއި ޚިލާފަށް ބަދަލުކުރަން އުޅުމުގެ ތުޙުމަތެވެ.