ރާއްޖޭގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެކުވެރި ދައުލަތްތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ދެއްވި މީޑިއާ ބްރީފިންގ އެއްގައި ވިދާޅުވީ، ރާއްޖޭގައި ކަންކަން ނިއުޅެމުންދާގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ޔޫތު ލީޑަރެއް ކަމުގައިވާ ސަފާތު އަޙުމަދު ހައްޔަރުކޮށް، ގޭބަންދުގައި ބަހައްޓާފައިވާތީ އދ އިން ވަނީ އެކަމާއިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން އދ އިން ވަނީ ރާއްޖޭގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށްގެނެސް، މަޝްވަރާގެ ތެރެއިން ރާއްޖޭގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރީ އެފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމާއި، އެ ހާލަތު އިޢުލާނު ކުރީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރު ކުރުމަށް ކަމަށް ދޭހަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިވާއިރު، ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތް ކުށްވެރިކޮށް، ރާއްޖޭގައި ސިޔާސީ ހަމަހަމަ ކަމާއި، އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލަމުންނެވެ.