ދިވެހި ކަނބަލުންނަށް ހާއްސަ ކޮށްގެން 20 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީ ތައާރަފް ކޮށްފި އެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނަކީ ރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ހާއްސަ ކޮށްގެން ހުޅުވާލާ ލޯން ސްކީމެއް ކަމަށެވެ. އަލަށް ފަށާ ވިޔަފާރިއެއް ނުވަތަ ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯން ސްކީމްގެ ޖުމުލަ އަދަދަކީ 20،046،000ރ (ވިހި މިލިޔަން ސާޅީސް ހަ ހާސް) ރުފިޔާ ކަމަށެވެ. އެ އަދަދު ހަމަވަންދެން 50،000ރ (ފަންސާސް ހާސް ) ރުފިޔާއިން ފެށިގެން 100،000 (އެއްލައްކަ) ރުފިޔާ އާއި ދެމެދު ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ލޯނުގެ ދަށުން ނެގޭ 50،000ރ އިން ދަށުގެ ލޯނުތަކަށް ރަހުނުގެ ގޮތުގައި އެއްޗެއް ބަހައްޓާކަށް ނުޖެހެ އެވެ. ނަމަވެސް 50،000ރ އިން މަތީ އަދަދުތަކުން ލޯނު ނަގާ ފަރާތްތައް ލޯނުގެ އަދަދުގެ 130 ޕަސެންޓްގެ އަގުހުރި ބޭންކް އޮޕް މޯލްޑިވްސް ގަބޫލުކުރާ އެއްޗެއް ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ.
މި ލޯން ސްކީމްގައި އަމިއްލަ ފައިސާއިން ހަރަދު ކުރަންޖެހެނީ މުޅި ޕްރޮޖެކްޓްގެ ފަނަރަ ޕަސެންޓެވެ. މި ގޮތުން ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ހަރަދު ކޮށްފައިވާނަމަ އަމިއްލައަށް ކޮށްފައިވާ ހަރަދުތަކުގެ ބިލުތައް އިކޮނަމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނުގެ އިންޓަރަސް ރޭޓަކީ ނުވަ އިންސައްތަ ކަމަށާއި ގިނަވެގެން އަށް އަހަރު ދުވަހުގެ ތެރޭގައި ލޯން ދައްކާ ހަލާސް ކުރަންޖެހޭނެ ކަމަށެވެ. މިމަހުގެ 25 އިން ފެށިގެން އަންނަ މާރޗް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.