ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އަދި މައުމޫނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމަށް ކުރާ އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ވަގުތުން ހުއްޓުވުމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއިން ގޮވާލައިފިއެވެ.
ޑިމޮކްރަސީ ނެޓްވޯކްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މައުމޫނާއި ފާރިސް އަދި ނަދީމް ފުލުހުން ހައްޔަރުކޮށް އަމަލުކުރަމުންދަނީ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކޮށް، އެފަދަ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އެންޓި-ޓޯޗާ ގާނޫނާއި ޚިލާފަށް ކަމަށެވެ. އެހެންކަމުން އެކަންތައްތައް ވަގުތުން ހުއްޓުވުމަށް ފުލުހުންނަށް ވަނީ ޑިމޮކްރަސީ ނެޓްވޯކްއިން ގޮވާލާފައެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އަސާސީހައްގުތައް އެތިންބޭފުޅުންގެ ގައިން ނިގުޅައިގެންފައިވާ ކަމަށާއި ބޭސްފަރުވާއާއި އާއިލީ ބައްދަލުވުންތަކުން މަހުރޫމް ކޮށްފައިވާއިރު އެއީ އެންޓިޓޯޗާ ގާނޫނާއި މުޅިން ޚިލާފުކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ބޭސްފަރުވާއާއި ވަކީލުންނާއި ބައްދަލުވުމުކަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް ޑިމޮކްރަސީ ނެޓްވޯކްއިން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް މައުމޫނާއި ނަދީމް ހައްޔަރު ކޮށްގެން ޖަލަށް ގެންގޮސްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލިހާލަތު އިއުލާންކުރި ފަހުންނެވެ. ފާރިސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.
އެންޓި ޓޯޗަރ ގާނޫނު(ގާނޫނު ނަންބަރު 13/2013) ގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައިވަނީ ސިއްރު ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުމާއި، އެހެން އެއްވެސް އިންސާނަކާ މުއާމަލާތް ނުކުރެވޭގޮތަށް އެކަހެރިގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމާއި، އެއްވެސް ފިކުރެއްނެތި ޓޯޗަރ އަމަލު ހިންގިދާނެ މާހައުލުތައް ކަމުގައި ބެލެވޭނެ ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުން، އެއީ ދިވެހިރާއްޖޭގައި މަނާކުރެވިގެންވާ ކަންކަން ކަމަށެވެ.