މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތުގެ ތެރެއިން މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ މޯލްޑިވަސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ސްޕީޑުގައި ދާކަމަށެވެ. މާލެ ކައިރިން ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތަކުގެ 480 މީޓަރު ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ކަމަށާއި ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެޓުވީޓާއި އެކު މުއިއްޒުވަނީ މާލެ ކައިރިން ބްރިޖްގެ މަސައްކަތް ފެންނަ ގޮތުގެ ފޮޓޯތަކެއްވެސް އެޓޭޗްކުރައްވާފައެވެ.
China-Maldives Friendship Bridge work progressing at speed and on schedule; 480m of concrete I-beam installation and 180m of concrete bridge deck span completed from Male side. pic.twitter.com/QngDJwLxVz
— Dr.Mohamed Muizzu (@MMuizzu) February 13, 2018
ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް މުއިއްޒު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ އެހީއެކެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.
ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ސްޕީޑްގައި ކުރިއަށްދާކަމަށް މުއިއްޒު ވިދާޅުމިވީ، ޖުލައި 26 ބްރިޖް ނުނިމޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނިކޮށެވެ.