ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށްބުނާ މައްސަލާގައި ހައްޔަރުކޮށްފައިވާ ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮއްޓަކުން ކިތާބީ ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނާނަމަ އެ ވާނީ ފުލުހުން އެ ފޮއްޓަށް ލާފައިވާ އެއްޗަކަށް ކަމަށް ރައީސް މައުމޫނުގެ ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ވިދާޅުވީ ނަޖުމާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހު ފުރަތަމަ އެގެއިން އެބުނާ ފޮއްޓެއް ނުފެންނަ ކަން ފުލުހުން ދިން ލިޔުމުން އެނގޭ ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ފުލުހުން އެގޭ ބަލާ ފާސްކުރުމަށްފަހު ފެނުނު ކަޅުފޮށީގެ ތެރެއިން ފުލުހުން މިހާރު އެބުނާ ފަދަ އެއްޗެއް ފެނުނު ކަމަށް އެނގެން ނެތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އެ ފޮއްޓެއް އެތަނުން ނުފެންނަ ކަމަށް ފުލުހުން ލިޔުންވެސް ދެއްވާގައި އެބަ އޮތް. މި ކަހަލަ ބައިވަރުކަންކަން އެ ފޮއްޓާ ބެހޭ ގޮތުން އެބަހުރި. އެ ފޮއްޓަކުން އަޅުގަނޑުމެނަކަށް ނުފެނުން މާގިނަ ހެކިތަކެއް ފެނިގެން އުޅުން ކަމަކަށް. އެ ފޮށިން އެއްޗެއް ފެނުނިއްޔާ އެވާނީ ފުލުހުން އެއަށްލާފައި އޮތް އެއްޗަކަށް. އެއީ އަޅުގަނޑުމެނަށް ފެނުނު ތަނުގައި، ފުލުހުން ދެއްވާފައި ހުރި ރެކޯޑްތަކަކުންނެއް އެ ފޮއްޓަކުން އެއްޗެއް ފެނުން ކަމަކަށް އެނގޭކަށްނެތް،" ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުން ކަޅު ފޮއްޓެއްގެ ވާހަކަ ދައްކަވަން ފެއްޓެވީ ރައީސް އަބްދުއްﷲ ޔާމިން ކަޅު ފޮއްޓެއްގެ ވާހަކަ ދެއްކެވި ފަހުން ކަމަށް ޝަމީމް ފާހަގަ ކުރެއްވި އެވެ.
" އެ ފޮށި ފެނުނީ ހަތެއް ފެބްރުއަރީގައި ކަމަށް ފުލުހުން މި ވިދާޅުވަނީ. އޭގެ އެއްދުވަސް ކުރިން ރައީސް ޔާމިން ފޮއްޓެއް ފެންނާނެ ކަމަށް ވިދާޅުވެއްޖެ. އެ ފޮށި ފެންނާނެ ކަމަށް ވިދާޅުވި ފަހުން އެ ފޮށި ފެނިގެން މި އުޅޭނީ. އެހެންވީމަ މި ފޮށި ފެނުމާ ބެހޭ ގޮތުންވެސް އިލްހާމެއްބާ އޭ މިވީ. އެ ފޮށީގައި ހެކި ހުންނާނެ ކަމަށާއި އެ ފޮށިން ވަރަށް ގިނަ ހެކި ފެންނާނެ ކަމަށް އެމަނިކުފާނު މާކުރިން ވިދާޅުވެފައި އެބަ އޮތް. އެހެންވީމަ އެއީ ކިހިނެއް ހިނގާފައި އޮތް ކަމެއްތޯ އެބަ ސުވާލު އުފެދޭ،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން މެދުވެރިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ފެނިފައިވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ހައްޔަރު ކުރި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމްގެ ގެއިން ހޯދި ކަޅު ކުލައިގެ ފޮށިން ކަމަށެވެ.
އެ ކަޅު ފޮށިން ވަނީ އެ މައްސަލައާ ގުޅުންހުރި ވަރަށް ގިނަ ކިތާބީ ހެއްކާއި ގަރީނާ ލިބިފައި ކަމަށާއި އޭގެ ތެރެއިން ތެރެއިން އެއް ޑޮކިއުމެންޓަކުން މައުމޫން މެދުވެރިކޮށް ސުޕްރީމް ކޯޓު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ބައްދަލުކޮށް ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރިކަން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށްވެސް ފުލުހުން އަންގާރަ ދުވަހު ބުނެފައިވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫނު ވިދާޅުވީ ފާރިސްއާ ވާހަކަ ދައްކަވަނީ ޔައުމިއްޔާ ލިޔެގެން ނޫން ކަމުގައި ކަމަށް ޝަމީމް ވިދާޅުވި އެވެ.