އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރަމުންދާ ކަމަށާއި އެމަނިކުފާނުގެ ހައިސިއްޔަތު ގެއްލުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އުއްތަމަފަނޑިޔާރުގެ އާއިލީ ބޭފުޅެއް ކަމުގައިވާ އިމާދު ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަސްދޮޅަސް މިނެޓްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ، މިއަދު މިފެނިގެންދަނީ ފަނޑިޔާރުގެ ހުރަގެއަށް ލައިގެން ގުޅޭ މަންޒަރު ކަމަށާއި އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދުގެ ހައިސިއްޔަތު ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. މިކަން އުއްތަމަފަނޑިޔާރުގެ އާއިލާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެންނަށް ވަރަށް ކަންބޮޑުވޭ ފުލުހުންގެ ޕްރެސް ކޮންޕްރެންސްގައި ދެއްކި ވާހަކަތައް. މީގެ ކުރިން ފުލުހުންވަނީ ކުންފުންޏަކުން ފަނޑިޔާރަކަށް 2.4 މިލިއަން ޑޮލަރުގެ ލޯނު ދެއްވި ވާހަކަ. މިއަދު އެވިދާޅުވީ، އެ ލޯންގެ އެއް ބައިވެރިއަކީ އަބްދުﷲ ސައީދު ކަމަށް. އަޅުގަނޑުމެން ކަންބޮޑުވޭ، ރައީސް ޔާމީންގެ ސަރުކާރަށް ދެކޮޅު ހެން ހީވާ ކޮންމެ މީހަކު ހިފާ ހައްޔަރުކޮށް ލޯނުގެ މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު ދިގުވެގެން ހިނގައިދާނެތީ." އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ އަބްދުﷲ ސައީދުގެ ހައިސިއްޔަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ފަރާތްތަކަކީ އެމަނިކުފާނު އެމަގާމަށް އައްޔަނު ކުރުމަށް މަޖިލީހުގެ ތެރޭގައި ތައުރީފު ކުރެއްވި ފަރާތްތައް ކަމަށެވެ.
" އެދުވަހު އެފަދަ ފަރާތްތަކުން ވަނީ އަބްދުﷲ ސައީދަކީ އާދައިގެ ބޭފުޅެއް ނޫނޭ. އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅެކޭ. އެފަދަ ބޭފުޅަކަށް އިތުބާރު ނުކޮށެއް ފަރަކު ނުޖެހޭނެއޭ. މިއަދުވެސް އެމަނިކުފާނަކީ ޚާފިޒެއް. އެމަނިކުފާނުގެ އަބުރަށް ހުތުރުވާ ގޮތަށް ދެކެވޭ ވާހަކަތައް ހުއްޓާލުމަށް ގޮވާލަން." އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ، އާއިލާއިން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އެގޮތުން އެމަނިކުފާނަކީ ޑައިބެޓީސް ބައްޔަށް ބޭސް ކަމުންދާ ބޭފުޅަކަށްވާ އިރު، ކަޅު ސައި ފަދަ ތަކެއްޗަށް ގިނައިން ހަކުރު އަޅާފައި ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގޮޅީގެ ފޮޓޯއާއި ގުޅޭ ގޮތުން އިމާދު ވިދާޅުވީ، އެ ފޮޓޯ އިން ފެނިގެންދަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހުންނަވާ ގޮޅިކަން ސާފު ނުވާ ކަމަށާއި އެހެން ނަމަވެސް ފޮޓޯ އިން ފެނިގެންދާ ގޮޅި އަކީ އިންސާނަކު ބަހައްޓަން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިއްވެވި ހުކުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި އިއްވެވި ހުކުމެއް ކަމަށާއި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރާ ގުޅިގެން ދެ ފަނޑިޔާރުން ކުށްވެރިވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ، އުއްތަމަފަނޑިޔާރު ބޭރު ގައުމުތަކަށް ޒިޔާރަތް ކުރައްވައިފައި ވާނީ، ރަސްމީ ދަތުރުފުޅުތަކުގައި ކަމަށާއި އިތުރުގޮތަކަށް ކުރައްވާފައިވާނީ ސިންގަޕޫރަށް ލޮލުގެ އޮޕަރޭޝަނެއް ކުރެއްވުމަށާއި ދަރިކަލުންގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. އެނޫން ގޮތަކަށް އަގު ބޮޑެތި މުދާ ބައްލަވައި ގަތުމަށް ދަތުރުފުޅު ކުރައްވާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން ސުޕްރީމް ކޯޓުގެ ލިޔުންތަކުން ވެސް ސާފުވާނެ. އެމަނިކުފާނަކީ އަމިއްލަ ރަށުގައި ވެސް ގެދޮރު ނުވަތަ މާލޭގައި ވެސް ގެދޮރު ބައްލަވައިގެން ދިރިއުޅުއްވާ ބޭފުޅެއް ނޫން. އެމަނިކުފާނަކީ އަގުބޮޑުތަކެއްޗަށް ލޯބި ކުރައްވާ ބޭފުޅެއް ނޫން." އިމާދު ވިދާޅުވި އެވެ.
އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަގު ބޮޑެތި މުދާ ބައްލަވައިގަތުމަށް ދަތުރުކުރައްވައި އެތަންތަނަށް ޒިޔާރަތްކުރައްވައި ވިޔަފާރިތައް ހިންގަވާފައިވާ ކަމުގެ ކިތާބީ ހެކި ފެނިފައިވާ ކަމަށެވެ.
މީގެ އިތުރަށް ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސްއަޅުައްވައި މިކަންކަން މިގޮތަށް ކުރުމަށް ސުޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރައްވައިފައިވަނީ ސީދާ އަބްދުﷲ ސައީދުގެ ބެލުމުގެ ދަށުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.