ބިދޭސީން ސިޔާސީ އެއްވެސް ހަރަކާތެއްގައި ނުވަތަ އެއްވުންތަކުގައި ބައިވެރި ނުވުމަށް އިމިގްރޭޝަނުން ގޮވައިލައިފި އެވެ.
އިމިގްރޭޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އެކި ވަޒީފާތަކުގައި އުޅޭ ބިދޭސީން ފެބްރުއަރީ 16 ވަނަ ދުވަހު ބާއްވާ އިދިކޮޅު ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށް ހިތްވަރުދެމުންދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ، އިމިގްރޭޝަނުން ކަނޑައަޅައިފައިވާ އުސޫލުތަކާއި ހިލާފުވާނެ ކަމަށެވެ.
މިފަދަ އެެއްވެސް ހަރަކާތެއްގައި ބިދޭސީން ބައިވެރިވެގެން ނުވާނެ ކަމަށާއި ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކުން ވެސް އެފަދަ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިނުވުމަށް ކިޔައިދޭން ޖެހޭ ކަމަށް ބުނެފައިވެއެވެ.
މިފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވާ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ގާނޫނާއި ގަވައިދުތަކާއި ހިލާފުވުމުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަަވަޅު އަޅާނެ ކަަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މީގެ އިތުރުން، ބިދޭސީން ނިސްބަތްވާ ކުންފުނިތަކަށް ވެސް އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.