ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ފޮރުވި ކަމަށް ބުނާ މައްސަލާގައި އަންގާރަ ދުވަހު ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ދައުލަތުން ހުށައެޅި ހަތް ސިއްރު ހެކިވެރިންގެ ތެރެއިން ތިން ހެކިވެރިންގެ ހެކި ބަސް ނެގުމަށް އަންގާރަ ދުވަހު 3:00 އަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެއެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ވަނީ ނަގައިފަ އެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ހެކިބަސްދީފައި ވަނީ ރިލްވާނާއެކު ފެރީއިން ދަތުރުކުރި އޭނާގެ ރަހުމަތްތެރިޔެކެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްދިން އެ މީހާ ބުނީ ދެ މީހުން އެކުގައި ވަރަށް ގިނައިން ފެރީގައި ދަތުރުކުރާކަމަށެވެ. ރިލްވާން ގެއްލުނު ރޭ ފެރީގެ ތެރެއިން ރިލްވާނާ ދިމާވީ 1:00 ގައި ކަމަށް އޭނާ ބުންޏެވެ. ރަހުމަތްތެރިޔާ ބުނި ގޮތުގައި ދެ މީހުން ތިބީ ކައިރިކައިރީގައި ޖެހިގެންނެވެ.
މި މައްސަލާގައި ހެކީގެ ގޮތުގައި ދައުލަތުން ޖުމްލަ 29 ހެއްކެއް ހުޅައަޅާފައި ވާއިރު، ރިލްވާންގެ އާއިލާގެ ގިނަ މެމްބަރުންތަކެއްގެ ނަން ވެސް ވަނީ ހުޅައަޅާފައެވެ. އަދި އެމީހުން ހެކި ބަސް ދިނުމަށް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގާފައެވެ. މައްސަލައިގެ ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.