ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ ބޭއްވި އެއްވުމުގައި ބައިވެރިވަޑައިނުގަންނަވާ ކަމަށާއި އެއްވުމުގެ މަންޒަރު ބަލާލުމަށް އެސަރަހައްދުގައި މަޑުކޮށްލީ ކަމަށް ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ކުރެއްވި ޙުކުމް ތަންފީޒު ކުރުމަށް ގޮވާލައި، ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ބާއްވަމުންދާ ސުލްޙަވެރި އެއްވުންތަކުގެ ތެރެއިން، ހޯމަ ދުވަހުގެރޭ ބޭއްވި އެއްވުން ކުރިއަށް ދިޔަ ވަގުތު، އެ ސަރަޙައްދަށް ވަޑައިގެން ޗައިނާ ސަފީރު ވަނީ އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.
އެކަމާއި ގުޅިގެން "މިހާރު ނޫހަށް" ދެއްވި އިންޓަރވިއެއްގައި ޗައިނާގެ ސަފީރު ވަނީ އެއްވުމުގައި ބައިވެރިވަޑައިގެންފައިވާ ކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ. ކުޑައިރުކޮޅަކަށް އެސަރަހައްދުގައި މަޑުކޮށްލީ ރަސްމީ ހައިސިއްޔަތުން ނޫން ކަމަށް ޒަންގް ލިޒޯންގް ވިދާޅުވިއެވެ.
"އެމްބަސީ އެ ހުންނަނީ އެ ސަރަހައްދުގައި. އަޅުގަނޑު އެތަނުން ނުކުމެގެން ދިޔަ މަގުމަތީގައި، އެތަނުގައި މީހުން ތިބީމަ ބަލާލަން ކުޑައިރުކޮޅަކަށް މަޑުކޮށްލީ. އެއީ ބައިވެރިވުމެއް ނޫނެއް ނޫންތޯ؟،" މިހާރު ނޫހަށް ދެއްވި އިންޓަރވިއުގައި ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ކުރިން ވެސް ނިންމާފައިވާ ގޮތަށް ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެ ގައުމުން ނުވަންނާނެ ކަމަށެވެ. އަދި ޗައިނާއިން ބޭނުންވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމްވެފައި އޮތުންކަން ފާހަގަކުރަމުން ސަފީރު ވިދާޅުވީ މިހާރު މި އޮތް ހާލަތުން އަރައި ގަތުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރުން ވާހަކަ ދެއްކުން މުހިންމު ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ އެއްވުން ކުރިއަށް ދިޔަ ސަރަޙައްދުގައި 15 ވަރަކަށް މިނެޓު ވަންދެން ޗައިނާގެ ސަފީރު ހުންނެވި އިރު، އެމަނިކުފާނު ވަނީ އެ ސަރަޙައްދުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ފޮޓޯ ނަންގަވާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ އެއްވުމަށް ވަޑައިގެން ޗައިނާ ސަފީރު އެ އެއްވުން ބައްލަވާލައްވާފައިވާއިރު، މިއީ ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންގެ ފަރާތުން މީގެކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. މީގެކުރިން ރާއްޖޭގައި ކުރިއަށް ދިޔަ މިފަދަ ބައެއް އެއްވުންތައް އޮބްޒަރވް ކުރުމަށް އެމްބަސީތަކުގެ މުވައްޒަފުން ހަރަކާތްތެރި ވެފައި ވީނަމަވެސް، މިފަދަ އެއްވުންތައް ބައްލަވައިލެއްވުމަށް ޤައުމުތަކުގެ ސަފީރުންނާއި، އެފަދަ އެހެން ޑިޕްލޮމޭޓުން ވަޑައެއްނުގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުންދާ ޗައިނާ ސަރުކާރުން ވަނީ، ރައްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި އޮތުމާއި ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން، އެ ޤައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ.