އއ އުކުޅަހުގައި ބަނދަރުމަތީގައި ހުންނަ އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ތިރިކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތުދިން އުކުޅަހު މީހަކު ބުނީ ރަސްދޫއިން އައި ލޯންޗެއްގައި ގާތްގަނޑަކަށް 24 އަކަށް ފުލުހުން ކުއްލިގޮތަކަށް އެރަށަށް އަރާފައިވަނީ މިއަދު ހަވީރު 3:50 ހާއިރު ކަމަށެވެ.
އޭނާ ބުނީ ފުލުހުން އެރިގޮތައް އަރައި 10 ވަރަކަށް މިނިޓްގެ ތެރޭގައި އެދިދަ ތިރިކޮށް ދިދަ ހިފައިގެން ފުރާފައިވާ ކަމަށެވެ. އަދި ދިދަ ބޭނުންނަމަ ސިޓީއެއް ހުށަހެޅުމުން ދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ކޮންމެވެސް ވަރަކަށް އެސަރައްހައްދުން އާޢްމުން އެއްވި ކަމަށާއި އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެއް އޮންނާނެ ކަމަށާއި އެއަމުރު ތަންފީޒް ކުރުމަށް ރައްޔިތުންގެ ތެރެއިން ނުކުތް މީހުން ގޮވާލާފައިވާ ކަމަށެވެ.
އއ އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. އެމްޑީޕީން ކުރި ވައުދުގެ ދަތުރުގައި ބޭނުންކުރި ދޯނި ތަކަކީވެސް އުކުޅަހު މަސްދޯނި ތަކެކެވެ.