ގައުމު އިސްލާހު ކުރުމައްޓަކާއި ކުރާ މަސައްކަތުގައި މިހާރު މިދަނީ އެންމެ ފަހު މަރުހަލާ ކަމަށާއި މިގައުމުން ރައީސް އަބްދުﷲ ޔާމީން ފަހާލައިފައި ނޫނީ ގެއަކަށް ނުވަންނާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މަޖިލީސް ހުޅުވާ ދުވަސް އޮޅުން ފިލުވުމަށް މަޖިލީހަށް ވަޑައިގެން އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ، މަޖިލީހަށް ވަޑައިގަތީ މަޖިލީސް ކުރިއަށް ނުދާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅަން ކަމަށާއި އެހެން ނަމަވެސް މަޖިލީހަށް ވަނުމަށް ސަލާމަތީ ހިދުމަތްތަކުން ހުރަސްހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މިކަމަކީ ކޮންމެހެން މީހެއްގެ ކަންފަތުން މަޑު ނަގައިގެން ބަޔަކަށް އިއްވަންޖެހޭ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއް. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޖަލަށްލާ މަޖިލީސް ހިސާރުކޮށްފައި އޮތީމަ އަޅުގަނޑުމެން އަނެއްކާވެސް މިއައީ މަޖިލީހުން ފުރުސަތެއް ލިބޭތޯ. މައްސަލަ ހުށަހަޅަން އެއްވެސް ފުރުސަތެއް ދީފައެއް ނުވޭ." މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ގައުމު އިސްލާހު ކުރެވޭނީ ރައްޔިތުން މަގު މައްޗަށް ނިކުމެގެން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ވަނަނުދީ މަޖިލީހުގެ މެންބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސިފައިން ހުރަސްއެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ސިފައިން ބޭނުންކޮށްގެން ކުރައްވަމުންދާ މަސައްކަތް ހަނދާނަކުން ނުދާނެ ކަމަށާއި ރައީސް ޔާމީނަށްވުރެ ވެސް ޝިޔާމް ގޯސް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އޭނަ ކުރައްވާ ކަމެއް މަޖިލީސް މެންބަރުންނަށް ހުރަސް އަޅާ، ހުރިހާ ދުއްތުރާލެއް ކުރަނީ. ރާއްޖެ ހަމައަކަށް އެޅޭނެ. އެންމެ ކުރިން ޝިޔާމް ބިޑި އަޅުވާނީ. ރައްޔިތުން އެބަ ނިކުންނަން ޖެހޭ ޝިޔާމް ހޯދަން. ޝިޔާމް އުޅެނީ ރައްޔިތުންނަށް ފިއްލަވައިގެން." މުސްތަފާ ވިދާޅުވި އެވެ.