ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވަންޖެހާ ތާރީހު ފަހަނަ އަޅާ ގޮސްފައިވާތީ، މަޖިލީސް ހުޅުވާ ދުވަސް އޮޅުންފިލުވުމަށާއި ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާ ބާއްވާ ދެއްވުމަށް އެދުމަށް މަޖިލީހަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސިފައިން ހުރަސް އަޅައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވެއްނެވުމަށް އުޅުއްވުމުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ހުރަސް އެޅުމުން، މަޖިލީހުގެ ގޭޓުގައި އަޅުވާފައިވާ ތަޅު، މެމްބަރުން އަމިއްލައަށް ހުޅުވައި މެމްބަރުން މަޖިލީހުގެ އިދާރާގެ ގޯތި ތެރެއަށް ވެންނެވި ނަމަވެސް މަޖިލީހުގެ އިދާރީ އޮފީހަށް ވަދެވަޑައިގެންނެވޭ ގޮތް ނުވި އެވެ.
އަންގާރަ ދުވަހުގެ 13:30 ގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ނުވަތަ މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނިއުޝާ ފާތިމަތުއާ ބައްދަލު ކުރެއްވޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވީ، މަޖިލީހުގެ އިދާރާގައި ތިބި ޔުނީފޯމްގައި ތިބި ސިފައިން ރަސް އެޅުމުން ނެވެ.
ހުރަސް ނޭޅުއްވުމަށް މެމްބަރު ތަކުރާރުކޮށް އެދިލެއްވުމުން ސިފައިން ބުނަމުން ދިޔައީ "މަތިން އަންގައިގެން" ކުރާކަމެއް ކަމަށެވެ. އެބުނާ މަތީ ފަރާތަކީ ކޮން ބޭފުޅެއް ކަމެއް ސިފައިން ނުބުނެ އެވެ.
މަޖިލީހުގެ އިދާރާގެ އިސް މުވައްޒަފަކާ ބައްދަލު ކުރެވޭ ގޮތް ނުވުމުން އިދިކޮޅު މެމްބަރުން ވަނީ މަޖިލިސް ހިމެނޭ ސަރަހައްދުގައި ތިއްބަވައިގެން ނުރުހުން ފާޅު ކުރައްވާފަ އެވެ. މެމްބަރުން ނުރުހުން ފާޅު ކުރަމުން ދަނިކޮށް މަޖިލިސް އިދާރާކައިރިއަށް އެސްއޯ ފުލުހުން ގޮސް އެސަރަހައްދުގައި ތިބި އާއްމުންނާއި ނޫސްވެރިން ދުރައްޖެއްސި އެވެ.
މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހަށް ވަނުމަށް ހުރަސް އަޅަމުންދާ ސިފައިންނާއި ފުލުހުންގެ މައްޗަށް ގާނޫނުއަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށާއި އެކަމަށް ތައްޔާރުވެގެން ތިބުމަށެވެ. އެހެން ނޫންނަމަ މަޖިލީހުގެ މެމްބަރުން އެމީހުން އަދާ ކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިސް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ހުޅުވަން ޖެހެއެވެ. އަދި މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމެވެ. އެގޮތުން މި ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު މަޖިލިސް ހުޅުވާ ޖަލްސާ ބޭއްވުމަށް ނިންމުމަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ފަހުން ވަނީ ޖަލްސާ ކެންސަލް ކޮށްފަ އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން މަޖިލީހުގެ އިދާރާއަށް ހުށަހެޅިފަހުން މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާގޮތެއްގައި ބާއްވާފައި ނުވެއެވެ. އަދި ސިފައިން ވަނީ މަޖިލިސް "ހިސޯރު" ކޮށްފަ އެވެ.
މި ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވާއިރު، އެކަން 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި މަޖިލީހުން އެކަމަށް ގޮތެއް ނިންމަންޖެހެ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިތާ މިއަދަށް 08 ދުވަސް ފާއިތުވީއިރު، ސަރުކާރުން އެކަން މަޖިލީހަށް ހުށަހަޅާފައެއް ވެސް ނުވެއެވެ.