ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށް ފަހު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރާއި ޖުޑީޝަރީގެ އެހެން ބޭފުޅުންނާއި ބައްދަލު ނުކުރެވޭނެކަން އެބޭފުޅުންގެ ވަކީލުންނަށް އަންގައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ ވަކީލު ޙިސާން ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ޙަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދާއި ވަކީލުންނަށް ދެން ބައްދަލުކުރެވޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
@PoliceMv just informed that they have a separate rule for CJ Abdulla Sayeed, Justice Ali Hameed and DJA Hassan Sayeed regarding access to their lawyers. Their lawyers will no longer be able to request to meet them. #MaldivesInCrisis #SupremeCourt
— Hisaan ؟ (@hisaanhussain) February 13, 2018
ކުއްލި ޙާލަތުގައިވެސް ވަކީލުންގެ ހައްޤު ލިބިދިން ނަމަވެސް، ހައްޔަރުކުރެވުނު ސިޔާސީ ބޭފުޅުންނާއި ޖުޑީޝަރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރުމުގައި ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތި ކުރުވަމުންނެވެ. އަދި ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރަކުން މިނިވަންކުރުމަށް އަމުރުކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން ޖަލުގައި ތިއްބެވި ބޭފުޅުންގެ ވަކީލުންނަށާއި އާއިލާގެ ބޭފުޅުންނަށްވެސް އެއަމުރުގެ ފަހުން މިހާތަނަށް އެބޭފުޅުންނާއި ބައްދަލުކުރެވިފައި ނުވާއިރު، އެއިން ބޭފުޅެއްގެ ޙާލަތު ހުރި ގޮތެއްވެސް ނޭނގޭ ކަމަށް އާއިލާތަކުން ބުނެއެވެ.
އުއްތަމަ ފަނޑިޔާރާއި ބައްދަލު ނުކުރެވޭނެކަން ވަކީލުންނަށް އަންގާފައިވާއިރު، އެމަނިކުފާނު ބަހައްޓާފައި ހުންނެވީ ވަރަށް ހާލަތު ދެރަ ގޮޅިއެއްގައި ކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އަދި ފަނޑިޔާރު އަލީ ޙަމީދުގެ ޙާލުކޮޅު ގޯސްވެ، ހިންގެވެނީވެސް ފުލުހުންގެ އެހީތެރިކަމާއިއެކު ކަމަށް ވަކީލުން ވިދާޅުވެއެވެ.
ކޯޓު އަމުރަކާއި ނުލައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ފުލުހުންނާއި ސިފައިން އެތަނުގެ ތެރެއަށް ގަދަބާރުން ވަދެއެވެ. އަދި ހައްޔަރުކުރުމުގައި ދެ ފަނޑިޔާރުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމަށް ދެބޭފުޅުންގެ ވަކީލުން ވިދާޅުވެއެވެ.