މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި އެކު އިތުރު މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މޮނާޒާ ނައީމާއި އެކު ހޯދަން އިއުލާނުކޮށްފައިވާ އަނެއް މީހަކީ، ސ.މަރަދޫފޭދޫ، ނަސީމީގެ، މުޙައްމަދު ޝާނީޒް (39އ) އެވެ.
ފުލުހުން އާއްމުކުރި ބަޔާނެެއްގައި ބުނެފައިވަނީ، އެ ދެމީހުން ހޯދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާތީ ކަމަށެވެ. ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.
"މުޙައްމަދު ނަޢީމް ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 13 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
މުޙައްމަދު ޝާނީޒް ހޯދަމުންދަނީ، ޔުނައިޓެޑް އޮޓޯ މޯބައިލް ކޮންޕެނީ ޕލކ އިން ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 14 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ޙާޟިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.