ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކުށަކަށް ވަނީ ކަންކަން ގޯސްކޮށް ދާތީ އެމަނިކުފާނު ރަނގަޅު ގޮތް ހާމަ ކުރައްވައި ކަންކަން ރަނގަޅު ކުރެއްވުމަށް ތެދުވެ ވަޑައިގަތުން ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ އުމުރުފުޅުން 82 އަހަރުފުޅުގައި އިންނެވީ ޖަލުގައި ކަމަށާއި ރަނގަޅުގޮތް އިޚްތިޔާރުކޮށް ހިތްވަރާއިއެކު ތެދުވަންޖެހޭ ކަމަށެވެ. އަދި މިއީ އެވަގުތު ކަމަށް މާރިޔާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ހާލަތު އިއުލާން ކުރިތަނާ މާގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ ރައީސް މައުމޫން ހައްޔަރު ކޮށްފައެވެ.
ރައީސް މަޢުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ. ރައީސް މައުމޫން މިހާރު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައެވެ.