ދިވެހި ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިވެހި ފުލުހުންނާއި ސިފައިން ގޮސް ހައްޔަރުކުރަން އެންމެ އައުލާކަން ބޮޑީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓު އަމުރަކާއި ނުލައި ފުލުހުންނާއި ސިފައިން ގޮސް ރައީސް ޔާމީން ހައްޔަރުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަމުގެ ހާލަތު ދެ ފަހަރު އިއުލާން ކުރުމުން މުޅި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހި ދައުލަތުގެ ނަން ކިލަނބު ވެއްޖެކަމަށް އިންތި ވިދާޅުވެއްޖެއެވެ.
"މާދަން އިރުއަރާއިރުވެސް ތިބޭފުޅުން އަމުރެއްނެތި ގޮސް ހައްޔަރުކުރަންޖެހޭ މީހަކީ އަބްދުﷲ ޔާމީން" އިންތި ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ޤާނޫނުތަކާއި ޚިލާފަށްކަން ފާހަގަކުރަމުން އިންތި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، އެކަމުގެ ގާރަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެކަން ކޮށްފައި ނުވާތީ އިންތި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިންތި މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ރާއީސް ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނު ތަކާއި ޚިލާފަށް ކަމަށްވަތީ، ކުއްލި ނުރައްކަލުގެ ހާލަތު ޤާބޫލުނުކުރުމަށް ނިންމާފައެވެ.