ގޮނޑި ގެއްލުނުކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ހުކުމް ކުރި ނަމަވެސް، މަޖިލީހުން އެ މެމްބަރުންނަން ދޭންޖެހޭ މުސާރައާއި އިނާޔަތްތަށް ދެމުންނުދާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ސްޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކުރި ހުކުމަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުން އަންނަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ގޮނޑިގެއްލުނުކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަން އަދިވެސް މުސާރައާއި އިނާޔަތް ނުލިބޭކަމަށް ސައުދުﷲ ވިދާޅުވިއެވެ.
"މަޖިލީހުގެ ވެބްސައިޓުން އަޅުގަނޑުމެން 12 މެމްބަރުންގެ ނަމެއް ނުފެނޭ، އަދި ހަމަ އެއާއި އެކު އަޅުގަނޑުމެންނަން ލިބެންޖެހޭ މުސާރަޔާ އިނާޔަތްތަކާ އެނޫންވެސް ކަންކަން އަޅުގަނޑުމެނަން ލިބެމުން ނުދޭ، އެހެންވީމަ މިހާރުވެސް މަޖިލީހަކުން އަދި ދައުލަތަކުންނެއް، ސަރުކާރުން ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ކިޔަމަންވިކަމަށް ގަބޫލެއް ނުކުރެވޭ" ހަރުގޭގައި ވާހަކަ ދައްކަވަމުން ސައުދުﷲ ހިލްމީ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންނާމެދު އަމަލު ކުރަމުންދާނީ ކިހިނެއްތޯ ސުވާލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ އޭރު އަމީން އާއްމު އަޙުމަދު މުޙައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުން ވަރަށް ސާފުކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މަޖިލީހުގައި އެ މެމްބަރުން އަދާ ކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އަޙުމަދު ވިދާޅުވިއެވެ.
ސައުދުﷲ ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށްވެސް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުއްވި ހުކުމަށް ތަބާވުމަށް ގޮވާލައްވާފައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ނިންމާފައި އޮތީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައި އޮތް އެ ޖަލްސާ ކެންސަލްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް، ފެބްރުއަރީ 3 ވަނަ ދުވަހު މަޖިލީހުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ދުވަހު ބޭއްވެން ނެތުމުން، ވީހާވެސް އަވަހަކަށް އެ ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.