ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ހުންނެވީ "ބަޑި ޖައްސާފައި" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި އަމުރުގެ އެއްބައި ބާތިލުކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް އެ އަމުރު ތަންފީޒުކުރަމުންދާއިރު، ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ކުއްލި ނުރައްކަލުގެ ޙާލަތު"ގެ ލައިވް ކަވަރޭޖްގައި މަހްލޫފު ވިދާޅުވީ އަމުރު ބާތިލުކުރީ ތިން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ބަޑިޖައްސައި ބިރުދައްކައިގެން ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ.
ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައެއް ބާތިލްކުރުމަށް ތިން ފަނޑިޔާރުން ނިންމި ނިންމު ފުރަތަމަ ޓްވީޓްކުރީ އެމްއެންޑީއެފުން ކަމަށް ވުމުން ވެސް، އެ ފަނޑިޔާރުންނަށް ނުފޫޒު ފޯރާފައިވާ މިންވަރާއި ބުރު ދައްކާފައިވާކަން އެނގިގެންދާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
މި ސަރުކާރު ބަލިކަށިވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް، ސްޓޭޓް އޮފް އިމަޖެންސީ އިއުލާނުކުރުމުން މުޅި ދުނިޔެ ދިވެހި ސަރުކާރާ ދެކޮޅު ކަމަށާއި ސަރުކާރު އޮތީ "ރޮދިފަށަކަށް" ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރު ޒިންމާދާރުކުރުވުމަށް ސިފައިންނާއި ފުލުހުން މަސައްކަތް ކުރަންޖެހޭ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓް ހިސޯރުކޮށްފައިވާއިރު، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެންނާއި ބަންދުކޮށްގެން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށް މަހްލޫފު ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުން ހައްޔަރު ނުކުރެވިގެން އުޅެނީ ރާއްޖޭން ބޭރުގެ ފަރާތްތަކާއި ރައްޔިތުން އަދި ފުލުހުންނާއި ސިފައިންގެ ޕްރެޝަރާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މެންބަރުންނަށް ރިޝްވަތު ދޭން އުޅޭ ކަމަށް ބުނާ ވާހަކައަކީ 100 ޕަސެންޓް ޔަޤީން މައުލޫމާތު ލިބިގެން ދައްކަވާ ވާހަކައެއް ކަމަށާއި އެކަމަށްޓަކައި 100 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ސިފައިންގެ އޮފިސަރުން ވެސް ބައެއް މެމްބަރުންނަށް ގުޅުއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މެންބަރުން ތިއްބެވީ ރައްޔިތުންނާއެކުގައި ވަރަށް ސާބިތުކަމާއެކުގައި ކަމަށާއި ހައްޔަރުކުރިއަސް ފަހަށް ނުޖެހޭނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލު ކުރެއްވޭނެ ކަމަށާއި ކަމަށާއި މިހާރު ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުކަމުގެ ސަބަބުން ރައީސް ޔާމީންނަށް ރަނގަޅަށް ނިދިނުކުރެއްވޭނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.