މި ހިނގާ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރީއްސުރެ، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ޑޮކްޓަރަށް ދައްކާފައި ނުވާކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.
އަދީބުގެ އާއިލާއިން ބުނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން އަދީބު ދޫކޮށްލުމަށް ޙުކުމްކޮށް ނެރުނު އަމުރު ނެރުމުގެ ކުރިން އަދީބު ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށާއި، އޭގެ ފަހުން މިހާތަނަށް އެމަނިކުފާނު ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އޭރު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުން އަދީބުގެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށްވެސް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރި ފަހުން އަދީބު ޑޮކްޓަރަށް ދައްކާފައި ނުވާއިރު، ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ އޮޕަރޭޝަން ކުރުމުގެ އިންތިޒާމްވެސް އަދި ހަމަޖެހިފައި ނުވާކަމަށް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް، އެކަން މެޑިކަލް ބޯޑަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަރެކްޝަންސްގެ މެޑިކަލް އޮފިސަރ ވިދާޅުވެފައިވާ ކަމަށް އާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ސުޕްރީމް ކޯޓުން އަދީބު މިނިވަންކޮށް، އަދީބުގެ މައްޗަށް ކުރަންޖެހޭ ޝަރީޢަތެއް ވާނަމަ އަލުން ކުރުމަށް ޙުކުމް ކުރުމާއި ގުޅިގެން ދޫނިދޫ ޑިޓެންޝަން ސެންޓަރުން މާފުށީ ޖަލަށް އަދީބު ބަދަލުކުރިކަން އާއިލާއަށް އެންގި ނަމަވެސް އޭގެ ފަހުން އަދީބުގެ ޚަބަރެއް ނުވާކަމަށްބުނެ އަދީބުގެ ވަކީލުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރުމައި ގުޅިގެން، ވަކީލުންގެ ބައްދަލުވުމަކާއި އާއިލީ ބައްދަލުވުމެއް އަދީބަށް ހަމަޖައްސައިދިން ނަމަވެސް، ކަރެކްޝަންސް އިން ފަހުން ވަނީ އެ ދެ ބައްދަލުވުންވެސް ކެންސަލް ކޮށްފައެވެ. އާއިލީ ބައްދަލުވުން ކެންސަލް ކުރުމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބަށް ސިއްޙި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އަދީބް ދެކެން ބޭނުންވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
Just received a phone call from MCS saying that the family meeting scheduled for tomorrow has been cancelled. Adeeb is having a severe medical condition and have been asked to undergo an eye surgery asap. We want to see him and his current medical condition @Corrections_Mv
— Nash (@maryam_nashwa) February 12, 2018
ވީ އެންމެ އަވަހަކަށް ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް އަދީބަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، އަދީބުގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓުތައް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމުން، އަދީބު ކެންސަރަށް ސްކްރީން ކުރުމަށްވެސް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. މީގެ ދެ އަހަރުދުވަސް ކުރިން ދެއްވި އެ ލަފައާއި އެއްގޮތަށް އަދި މިހާތަނަށް އަދީބު ކެންސަރަށް ސްކްރީން ކުރުމުގެ ފުރުޞަތު ސަރުޚާރުން ދީފައެއް ނުވެއެވެ.