ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބާއްވާ އެއްވުމަކީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމަށާއި، އެފަދަ ކަންކަމަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ކަމަށް ބުނެފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން އިއުލާން ކޮށްފައި ވަނިކޮށް ހޯމަ ދުވަހު ހަވީރު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރަށްރަށުން މީހުން މާލެއައުމަށް ގޮވާލައި ، ހަމަ ނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާއި މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ގައުމުގެ ސުލްހަމަސަލަސްކަން ނަގާލަން މިހާރު ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަން ލިބިފައިވާކަން ފާހަގަ ކުރަމުން ޝިފާން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ގެއަކާއި ދެ ތަނެންގައި އަލިފާން ރޯކޮށްލި މައްސަލަ މިހާރު ވެސް ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
"ފެބްރުއަރީ 16 ވާ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލާ ގައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާއްވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަން ވަނީ ލިބިފައި" ޝިފާން ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑީވަޅުގައި އެއްވެއުޅުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، ގާނޫނާއި ހިލާފަށް އެއްވެސް ފަރާތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން 16 ފެބްރުއަރީ ގައި ބާއްވަން ނިންމާފައިވާ އެއްވުމަކީ މާލޭގެ އަމަން އާމާންކަން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމުގައި އެމްއެންޑީއެފަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ފެބްރުއަރީ 16 ވަނަ ދުވަހު މާލެ އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަ ނުދިނުމަށް އެމްއެންޑީއެފުން ވަނީ ގޮވާލާފައެވެ.