މޫނު ބުރުގާ އަޅާތީ، ލ.ކުނަހަންދޫ ސްކޫލުގެ ގުރުއާން ޓީޗަރާއި އެ ސްކޫލުގެ މަސައްކަތު މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ވަޒީފާއިން ވަކި ކުރި އެ ދެމީހުންގެ ތެރެއިން ގުރުއާން ޓީޗަރު ވަޒީފާއިން ވަކި ކުރިކަން އަންގާފާއިވަނީ ހޯމަ ދުވަހު އެވެ. އަދި މަސައްކަތު މީހާ ވަޒީފާއިން ވަކި ކުރިކަން އޭނާއަށް އަންގާފައިވަނީ އާދިއްތަ ދުވަހު އެވެ.
2014 ވަނަ އަހަރުން ފެށިގެން ކުނަހަންދޫގައި ގުރުއާން ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހާ ނަން ހާމަ ކުރަން ނޭދެ އެވެ. ނަމަވެސް ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އޭނާ ބުނީ ވަޒީފާ ނުދޭންވެސް އެކި ބަހަނާތައް ދެއްކި ކަމަށެވެ. އަދި ވަޒީފާގައި ހޭދަކުރި ފާއިތުވި ދުވަސްތަކުގައި މޫނު ބުރުގާ އަޅައިގެން އުޅޭތީ ސިވިލް ސާވީސްގެ ގަވައިދާ އެއްގޮތައް ހެދުން އެޅުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ގުރުއާން ކޯސް ހެދީވެސް މޫނު ބުރުގާ އަޅައިގެންނެވެ.
ކުނަހަންދޫ ގުރުއާން ޓީޗަރާއި މަސައްކަތު މީހާ ވަޒީފާއިން ވަކިކޮށްފައިވާކަން އަންގައި ދީފައިވާ ޗިޓްގައިވާ ގޮތުން އެމީހުން ވަޒީފާއިން ވަކި ކުރީ ސިވިލް ސާވީސް ގަވައިދުގެ 273 ވަނަ މާއްދާގެ (ށ) ރިޔާއަތްކޮށް، ސިވިލް ސާވީސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ 3 ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ.
ސިވިލް ސާވީސް ގަވައިދުގެ 273 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތައް ނުވަތަ ވަޒިފާ އަދާކުރާ ފަރާތައް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނިއްޖެ ނަމަ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެމީހަކު ވަޒީފާއިން ވަކި ކުރެވިދާނެ ކަމަށެވެ.
ސިވިލް ސާވީސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ 3 ވަނަ ނަމްބަރުގެ ބުނެފައިވާ ގޮތުން ސިވިލް ސާވީސްގެ ގަވައިދާއި ސިވިލް ސާވީސްގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެއްޖެ ނަމަ އެމީހަކު ވަޒީފާއިން ވަޒީފާއިން ވަކި ކުރެވިދާނެ ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން އުޅޭތީ ދެ މީހަކު ސަރުކާރުގެ ވަޒީފާއިން އަނެއްކާވެސް ވަކިކޮށްފައިވާއިރު ސަރުކާރުން އިސްލާމްދީން ހިމާޔަތްކުރާ ކަމަށް ދައްކާ ވާހަކަތައް ދިމާނުވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.