ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ބޮޑެތި އަދަދުތަކުން، އިދިކޮޅު މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ހުށަހަޅަމުންދާ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މެމްބަރުންނަށް ރިޝްވަތު ދެއްވުމުގައި އިސްކޮށް އުޅުއްވަނީ މަހްލޫފް ތުހްމަތުކުރެއްވި ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް އެވެ. މެމްބަރުންނަށް ރިޝްވަތު ދިނުމަށް 100 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އެއްވެސް މެމްބަރެއް އެފަދަ ދެރައެއް ގައުމަށް ނުދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ދޭން އުޅޭ ފައިސާއަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އެ ފައިސާ ނެގުމަށް ފަހު ރައްޔިތުންނަށް ދިނުމަށް މަހުލޫފު އެދިވަޑައިގެންނެވިއެވެ.
Gen. Shiyam isvehure 100M ge budget akaaeku,Opposition ge baeh MPs gannan bodethi adhadhuthah dhanee husha’alhamun.Qaumaa rayyithunge haqquga alhugandumen therein evves MP eh efadha dhera eh qaumah nudheyne kamah yageen kuran. Eyee rayyithunge faisaa,nagaafa rayyithunnah dhevvaa
— Ahmed Mahloof (@AhmedMahloof) February 12, 2018
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުވުމުން، ސަރުކާރަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ.
މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން، ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންގެ އަދަދަކީ 42 އެވެ. އެއީ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމަނައިގެންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 43 އެވެ.