ފުލުހުންނާއި ސިފައިންނަކީ ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރި، ޚުދުމުހުތާރު އަދި ޣައިރު ޤާނޫނީ ވެރިކަން ދެމެހެއްޓުމުގެ ބާރަކަށް ވެގެން ނުވާނެކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
ފުލުހުންނާއި، ސިފައިން ތަފާތުކުރުން ގެންގޮޅެކަމަށް ބުނެ، އެކަން ނުކުރުމަށް ގޮވާލައި އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚުދުމުހުތާރުކަން އިންތިހާއަށް ގޮސް، ސިޔާސީ ގޮތުން ބަލިކަށިވުމުން، ސަރުކާރަށް ފާޑުކިޔާ، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، ޤައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރާ ކޮންމެ މުވައްސަސާއެއް އަދި ކޮންމެ ފަރުދަކަށް ބިރު ދައްކައި ދައުލަތުގެ ހުރިހާ ބާރުތަކުގެ މައްޗަށް ވެރިވެގަތުމަށް ކުއްލި ނުރައްކަލުގެ ޙާލަތު ނެތް ހިނދު، އެކަން އިއުލާންކޮށް ރައްޔިތުންނަށް އަނިޔާވެރިވަމުން ގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށެވެ. އަދި މި އަނިޔާވެރިކަން ދަމަހައްޓައި، އެކަމުގެ މެދުވެރިއެއްގެ ގޮތުގައި ބައެއް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންގެންދާތީ އެކަންވެސް ކުށްވެރިކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައި، އިންތިޒާމްކޮށްގެން ކުރިއަށްދާ ޙަރަކާތްތަކަށް ފުލުހުން ހުރަސް އަޅައި، ބާރުގެ ބޭނުންކޮށް އާންމު ރައްޔިތުންނަށް އަނިޔާވެރިވަމުންދާކަމަށެވެ. ނަމަވެސް ހަމަ އެފަދަ ޙަރަކާތްތަކަށް ހިމާޔަތްދީ އެޙަރަކާތްތައް ބޭއްވުމަށް ފުލުހުންނާއި ސިފައިން މަގުފަހިކޮށްދެމުންދާކަމަށާއި، ފުލުހުންނާއި ސިފައިންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހަމަހަމަ އުސޫލު ގެންގެޅުންޖެހޭ ބައެއް ކަމުގައިވާއިރު، ފާޅުކަން ބޮޑުގޮތުގައި ތަފާތުކުރުން ފެނި، އެކަމާމެދު ފުލުހުންނަށް ފިޔަވަޅު ނޭޅި، މުޅި ޤައުމު ހަމަނުޖެހުމުގެ ތެރެެއަށް ދަނީ ވެއްޓެމުންކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ފާއިތުވީ ރޭތަކުގައި އެމްޑީޕީ ހަރުގެ ކައިރިއަށް ޞުލްޙަވެރިކަމާއެކު އެއްވެ ޝުޢޫރު ފާޅުކުރަމުންދާ ފަރާތްތަކާމެދު އަނިޔާވެރިކަމާއެކު ފުލުހުން ޢަމަލުރާމުންދާތީ އެކަން ކުށްވެރިކުރާކަމަށެވެ. އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ލޮލަށާއި އަނގައިގެ ތެރެއަށް ޕެޕަސްޕްރޭ ޖެހުމާ، ބޫޓުން ތެޅުން ފަދަ ކަންކަން ހިނގަމުންދާތީ އެކަން ބެެއްލެވުމަށް ދައުލަތުގެ މުވައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
ފުލުހުންނާއި ސިފައިންނަކީ ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރި، ޚުދުމުހުތާރު އަދި ޣައިރު ޤާނޫނީ ވެރިކަން ދެމެހެއްޓުމުގެ ބާރަކަށް ވެގެން ނުވާނެކަމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މުހިއްމު 2 މުވައްސަސާ އިންތިހާއަށް ސިޔާސީވުމަށް ދޫކޮށްނުލެއްވުމަކީ ކޮންމެ ފުލުހަކާއި ސިފައިންގެ މީހެއްގެ ޤައުމީ ވާޖިބްކަމަށް އެމްޑީޕީން ބުނެ އެވެ. އެހެންކަމުން ހަމަހަމަ އުސޫލުން ކަންކަން ކުރުމަށާއި، އަނިޔާވެރި ނުވުމަށާއި، އަދި ޣައިރު ޤާނޫނީ އަމުރުކުތަކަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް އެމްޑީޕީން ވަނީ ގޮވާލަފަ އެވެ.