މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާއު ހަސަން ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް މާކެޓިންގ އެންޑް ކޯޕަރޭޓް އެފެއަރޒްގެ މަގާމުގައި ހުންނެވުމަށްފަހު އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް ދުވަސްކޮޅަކު އަދާކުރި ޝަފާއު ހައްޔަރު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
މީނާ ހައްޔަރުކޮށްފައިވާ ކަމާއި ހައްޔަރުކޮށްފައި ވަނީ ކޮން ތުހްމަތެއްގައިކަން ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ސަރުކާރުގެ މުއާސަލާތީ ކުންފުނި ދިރާގާއި، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައިވެސް މަސައްކަތް ކޮށްފައިވާ ޝަފާއު އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. އެހެންނަމަވެސް އެމަގާމުގައި މަހެއްވެސް ނުވަނީސް، ނޮވެމްބަރު މަހުގެ ފަހުކޮޅު އޭނާ ވަނީ އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައެވެ.