ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ ހެކިހުރި ލިޔުންތަކެއް ހިމެނޭ ކަޅު ފޮއްޓެއް ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެއިން ސިއްރުން ނެރެފައިވަނިކޮށް ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ތަރުޖަމާ އަހުމަދު ޝިފާން ވިދާޅުވީ ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ ހެކިހުރި ކަޅުފޮއްޓެއް ބަޔަކު މީހުން ސިއްރުން މ. އެންދެރިމާގެއިން ނެރެފައިވާ ކަމަށާއި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެފޮށި އަތުލައިގެންފައިވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމް ގެއިން ކަމަށެވެ.
ޝިފާން ވިދާޅުވީ އެ ފޮއްޓަކީ މިހާރު ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާ ގުޅުންހުރި ފޮއްޓެއްކަން ޔަޤީން ކުރެވިފައިވާ ކަމަށެވެ.
ސަރުކާރު ބަދަލުކުރަން އުޅުނު މައްސަލައިގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، ތަހްގީގުގައި 30 މީހަކާ ސުވާލުކޮށް، 15 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.
ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމަށާއި ރިޝްވަތު ދިންކަމުގެ ތުހްމަތު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ކޮށްފައިވާއިރު، މި ތުހްމަތު އަލަށް އުފުލި ފަރާތްތަކުގެ ތެރޭގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި އިބްރާހިމް ސިޔާދު ގާސިމާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ސިނާނުހިމެނެ އެވެ.
ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވަނީ އަށް މީހަކު ކަމަށް ފުލުހުން ބުނި ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ ހައި ޕްރޮފައިލް އިތުރު ބޭފުޅުންގެ ތެރޭގައި ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދު ނަދީމާއި އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅެއްގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ފައިސަލް އާދަމް ހައްޔަރުކޮށްފައިވެ އެވެ. މި ބޭފުޅުން ހައްޔަރުކުރުމުގެ ކުރިން ނަޖުމާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލި އެވެ.
ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާގެ މައްޗަށް ވެސް ތުހްމަތުކޮށްފައިވަނީ ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހްމަތެވެ.
ޝިފާން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރެވުނު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ރިޝްވަތު ނަގާފައިވާ ކަމަށް ޔަގީން ކުރެވޭ ޑޮކިއުމެންޓްތައް ފެނިފައިވާ ކަމަށާއި ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ވަނީ ދެ ލައްކަ ފަނަރަ ހާސް ޑޮލަރާއި އެއް ލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.
"މީގެ އިތުރުން އަލީ ހަމީދުގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ތަފާތު އެކި ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދޭ ކަަން ވަނީ ތަހުގީގަށް އެނގިފައި. އަދި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ވަނީ ފެނިފައި." ޝިފާން ވިދާޅުވި އެވެ.
މިހާތަނަށް ތަހްގީގަށް ހޯދުނު ހޯދުން ތަކުން، ފަނޑިޔާރު އަލީ ހަމީދަށް ރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބޮޑު ކުންފުންޏަކުން އެހީއެއްގެ ގޮތުގައި 2.4 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށް ޝިފާނު ވިދާޅުވި އެވެ.
" މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ރާއްޖެއިން ބޭރުން ފްލެޓް އަދި އެޕާޓްމެންޓް ފަދަ ތަކެތި ގަނެފައިވާ ކުރެވޭނެ ޑޮކިއުމެންޓް އެވިޑެންސް އާއި ހެއްކާ ގަރީނާ ވަނީ ލިބިފައި. މައްސަަލައިގެ ތަހުގީގުތަކާ ގުޅޭ ގޮތުން ހަގީގަތް އޮޅޭގޮތަށް ބައެެއް ފަރާތްތަކުން ވާހަކަދައްކާ، ސޯޝަލް މީޑިއާގައި އެކި މާނައިގައި އެކި ސިފަ ސިފައިގައި ހިނގަމުންދާކަން ފާހަަގަކުރަން." ޝިފާން ވިދާޅުވި އެވެ
ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކޮށްފައިވާ ގިނަ ބައެއްގެ މައްޗަށް ހެކި ހުރި ކަމަށް، ސުވާލުކުރުމުގެ ފުރުސަތު ނުދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމައެއް ނުކުރެ އެވެ.