ގދ.ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ އަނިލް ފަސް ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން މިދިޔަ ބުދަ ދުވަހު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމޭނެ އެމްޑީޕީ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމް އާއި އެމްޑީޕީގެ އިކޮނޮމިކް ކޮމެޓީގެ މެންބަރު ސަފާއަތު އަހްމަދު އާއި އެ ޕާޓީގެ މެންބަރު އަދި ގާނޫނީ ވަކީލާ ޝީނާ މުހައްމަދު ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ މަޖީދީމަގާއި ޗާންދަންނީމަގު ގުޅުނު ކަންމަތީ މުޒާހަރާ ކުރަމުންދަނިކޮށެވެ.