އަންނަ ރިޔާސީ އިންތިހާބުގެ ކަންކަން ހިންގެވުމަށް އެންމެ އިސްކޮށް ފުލުހުންގެތެރެއިން ކަނޑައަޅުއްވާފައި ހުންނެވި ހަމްދޫން ރަޝީދަށް ޕްރޮމޯޝަން ދެއްވައި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މަގާމަށް ހަމަޖައްސަވައިފި އެވެ.
ކުރިން ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައި ހުންނެވި ހަމްދޫން އޭސީޕީ ކަމަށް ހަމަ ޖައްސަވާފައިވަނީ އާދިއްތަ ދުވަހު އެވެ. ހަމްދޫން މި މަގާމަށް ގެންނަވާފައިވާއިރު ފުލުހުންގެ އިދާރާ މެދުވެރިކޮށް ހިންގަން ޖެހޭ ކަންކަން ސަރުކާރުން މިހާރު ހިންގަނީ ހަމްދޫން މެދުވެރިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރުގެ މައްސޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާ އެވެ.
ނަވާޒް އެއް ފަރާތްކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށާފައިވާއިރު ދާދި ފަހަކާ ޖެހެންދެން ޕޮލިސް ކޮމިޝަނަރު މަގާމުގައި ހުންނެވި އަހުމަދު އަރީފް އެ މަގާމުން ވަނީ ވަކި ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ޕޮލިސް ކޮމިޝަނަރުގެ މައްސޫލިއްޔަތު ހަވާލު ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ކަމުން އަހުމަދު ސައުދީ ވެސް އެ މަގާމުން ވަނީ ވަކި ކުރައްވާފަ އެވެ.
ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ އޮޕަރޭޝަންގެ އެންމެ އިސްވެރިޔާ މަގާމުގައި ހުންނެވި ހަމްދޫން ފުލުހުންގެ އިދާރާގައި 20 އަހަރަށްވުރެ ގިނަ އަހަރު ހޭދަ ކުރައްވާފައިވެ އެވެ. ހަމްދޫނަށް އޭސީޕީގެ މަގާމު ދެއްވުމުން އެ މަގާމުގައި މިހާރު ހަތް ފުލުހަކު ތިއްބަވާނެ އެވެ.