ކުއްލި ނުރައްކަލުގެ ހާލަތުގައި ނުކުރެވޭނެ ކަންތައްތައް ސަރުކާރުން ކުރަމުންދާ ކަމަށާއި މިހުރިހާ ކަމެއް ނިމޭއިރު ސަރުކާރު އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ވިދާޅުވީ ސަރުކާރުން މިހާރު ކަންކަން ކުރަމުންދަނީ ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ނޫން ކަމަށާއި މިއަދު ފެނިގެން ދަނީ ސުޕްރީމް ކޯޓުގެ ބާރު ނެތް މަންޒަރު ކަމަށެވެ.
ސަރުކާރުން ގާނޫނު އަސާސީއާ ދެކޮޅަށް އަމަލުތައް ކުރަމުން ދާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތައް ވެސް ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވަމުންދާ ކަމަށެވެ. ސުލްހަވެރިކަމާ އެކު ބާއްވާ އެއްވުންތަކުގައި ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް ބައެއް ފުލުހުން ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް އެދޭ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. މިހާލަތު ބަދަލުވުމުން އެފަދަ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން އަދަބު ލިބިގެންދާނެ ކަމަށާއި ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ކާމިޔާބީ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުން ސަލާމަތީ ހިދުމަތްތަކާ ގުޅިގެން އޮންނަ ބާބުގައި 230 ވަނަ މާއްދާގައި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެއޭ. އެކަމަކު މިއަދު މިފެނިގެންދަނީ ދައުލަތް އެކޮޅުކޮޅުން ޖެހި އިދިކީލަވެފައިވާކަން. ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަލާމަތީ ހިދުމަތްތަކުގެ ބާރު ހިނގަމުންދާ މަންޒަރު މިއަދު ފެނިގެންދަނީ." އިމްތިޔާޒް ވިދާޅުވި އެވެ.
ސަރުކާރުން މިކުރާ ކަންކަމުން، ރައްޔިތުންނަށް ކާމިޔާބީއެއް ނުލިބޭނެ ކަމަށާއި މިހާރު މިކުރާ ކަންކަމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެއް އިމްތިޔާޒު ވިދާޅުވި އެވެ.
"މިކަން ނިމިގެންދާ އިރު ބޮނޑި ލިބޭނީ އަބްދުﷲ ޔާމީންގެ އަމުރުތަކަށް ތަބާވި މީހުންނަށް. އެހެންވީމަ މިކަންތައް އެގޮތަށް ނުކުރުމަށް އެފަދަ ފަރާތްތަކުގެ އައިލާތަކުންވެސް ވިސްނަދޭންޖެހޭ. ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކާއި ދިވެހިރާއްޖޭގެ ކޯޓުތަކާއި އެނޫން މިނިވަން މުއައްސަސާތަކުންވެސް އަބްދުﷲ ޔާމީންގެ އަމުރުތަކަށް ތަބާވުމަކީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ އެފަދަ ހާލަތެއް ކުރިމަތިވެފައިނުވާ ދަނޑިވަޅެއްގައި ކަަމަށާއި މި އަމަލުތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ ކުރިމަތީގައިވެސް ރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަަމަށެވެ. މި މޭރުމުން ވާހަކަދައްކަވާ އިންތިޔާޒް ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަކީ ވަރަށް ދޯހަޅި، ސިޔާސަތުތަކެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެެވެ.