ސުޕްރީމް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދަށް އެޑްރެސް ކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފަށް އެޑްރެސް ކުރުމަށް އަންގައިފިއެވެ.
ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާޢި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ޖޭއެސްސީން ނިންމިކަމަށް އެކޮމިޝަނުން ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާއިދުގެ 6 މާއްދާގައި ބުނެފައިވާ ގޮތައް އުއްތަމަ ފަނޑިޔާރަށް ހާޟިރު ނުވެވޭނަމަ ސުޕްރީމް ކޯޓުގެ ފަންޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު ފިޔަވައި އެންމެ ސީނިއަރ ފަނޑިޔާރު ކަމަށް އޮންނަ އޮތުމަށާއި ސުޕްރީމް ކޯޓުގެ ނަމްބަރ 2012/02/SC (ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާބެހޭ) ސަރކިއުލާއަށް ރިއާޔަތްކޮށް އާދީއްތަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓަށާއި ޑީޖޭއޭއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރަން ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހައްޔރުކޮށްފައިވަނީ ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެއެވެ. އަދި އެދެފަނޑިޔާރުންވެސް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.