އަބުރު ގެއްލިފައިވާ ބަޔަކު ލައްވާ، ގުޅިފައިވާ ކޯލިޝަން ރޫޅާލުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ
ޖޭޕީގެ އޮފީހުގައި އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ހުރިހާ ކަމެއް ވެސް ހިނގަނީ މަޝްވަރާކޮށްގެން ކަމަށާއި އެ ގުޅުން ބަދަހިކަން މަތީ އޮންނާނެ ކަމަށެވެ. އަދި ޕާޓީތަކުގެ އެތެރޭގެ ކަންކަން ހިނގަނީވެސް ގުޅިފައިވާ ޕާޓީތަކަށްވެސް އެނގިގެން ކަމަށާއި އެއްވެސް ކަމެއް ސިއްރުން ނުހިނގާކަމަށް ސަމީރު ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި އެމަނިކުފާނުގެ ޓީމު ޖޭޕީއާ ގުޅުނު ގުޅުމަށް އިޝާރާތް ކުރައްވާ ސަމީރު ވިދާޅުވީ އެއީ ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތައް އެއްވެސް ކަހަލަ ހީނަރު ކަމެއް އަންނާނެ ކަމެއް ނޫން ކަމަށާއި އެއީވެސް ޕާޓީތަކަށް އެނގިގެން ކުރެވުނު ކަމެއް ކަމަށެވެ.
ޕީޕީއެމަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަހީމް ޢަބްދުއް ރަހީމް ޢަބްދުﷲ ޖޭޕީއަށާއި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވާ ސަމީރު ވިދާޅުވީ ޢަބްދުއް ރަހީމް ފަދަ އަބުރު ގެއްލިފައިވާ ބަޔަކު ނެރެގެން ގުޅިފައިވާ ޕާޓީތައް ބައިބައިކޮށް ކޯލިޝަން ރޫޅާލުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް އެކަމަކީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގުޅިފައިވާ ޕާޓީތައް ހިނގަނީ މަޗްވަރާކުރެވިގެން ވަރަށް ބަދަހިކަމާއެކުގައި ކަމަށެވެ. އެހެންކަމުން އެފަދަ ގޮތަކަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަކީ ކާމިޔާބު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރެވޭ ބޭކާރު ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ބައެއް ބޭފުޅުން ވަނީ އިދިކޮޅު ކޯލިޝަނުން ޖޭޕީ ނުކުންނަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ޕްރެސްގައި ޢަބްދުއް ރަހީމް ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އޮތީ ޖަލުގައި ކަމަށާޢި ރައީސް މައުމޫންގެ ދަނބިދަރިކަލުންވެސް އޮތީ ޖަލުގައި ކަމަށެވެ. އަދި ކެނެރީގޭ ނަޝީދު ހުރީ ހުކުމެއް ކޮށްފައި ކަމަށާއި ގާސިމް އިބްރާހީމް މިއަދު ކުރައްވަން އެ އުޅުއްވާ ކަމަކީ މިދަނޑިވަޅު ނިކުންނެވުން ކަމަށެވެ. އަދި ޖަމީލްގެ ޓީމާއެކު ޤާސިމް ނުކުންނެވުން އެއީ އެންމެ ފައިދާހުރި ގޮތްކަމަށް ޤާސިމް ޤަބޫލް ކުރައްވާކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.