ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން ހައްޔަރުކޮށްފި އެވެ.
އިލްހާމްގެ އަނބިކަނބަލުން ފުލުހުން ހައްޔަރު ކޮށްފައިވަނީ، އިލްހާމް ހޯދުމަށް ފުލުހުން އިއުލާން ކުރުމަށްފަހު، އިލްހާމް ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އިލްހާމްގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި މާޝާ ހައްޔަރުކުރީ އިލްހާމް ފުލުހުންނަށް ފިލުވައިގެން ގެންގުޅޭ ކަމަށް ތުހްމަތުކޮށްފަ އެވެ.
މާޝާގެ ހަތަރު ދަރިން ތިބެ އެވެ. އޭގެތެރެއިން ތިން ކުދިންނަކީ އިލްހާމާއި މާޝާގެ ކުދިންނެވެ.
އިލްހާމް އާއި މެމްބަރު ސިނާން ގިނަ ދުވަސްތަކެއް ވަންދެން ތައިލެންޑްގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގަތީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ. އެ ދެ ބޭފުޅުން އެއާޕޯޓުން ހައްޔަރުކުރި ބަންދުގެ މުއްދަތު އިތުރު ނުކޮށް އެ ދެ ބޭފުޅުން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.
އެއަށް ފަހު ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައެއްގައި އިލްހާމާއި ސިނާން ހޯދަން އިއުލާނުކުރުމުން، ސިނާނު ވަނީ ހުކުރު ދުވަހު އަމިއްލަ އަށް ޕޮލިހަށް ވަޑައިގެންފަ އެވެ. އެއާއެކު ސިނާނު ހައްޔަރުކޮށް ދޫނިދޫ އަށް ގެންދިޔަ އެވެ.