ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށް, އެމަނިކުފާނުގެ އާއިލާއާ ފޯނުން ވާހަކަ ދެއްކެވުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ދީފި އެވެ.
މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ރައީސް މައުމޫނަށް، ބަންދުގައި ތިބޭ މީހުންނަށް ލިބޭ ބައެއް ހައްގުތައް ހަނިކޮށްފައިވާތީ ރައީސް މައުމޫންގެ ވަކީލުން ވަނީ އާދީއްތަ ދުވަހު ހެނދުނު ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެގޮތުން ޤާނޫނީ ވަކީލުންނާއި އާއިލާ މެމްބަރުންވެސް ރައީސް މައުމޫނާއި ބައްދަލު ނުކުރެވޭނެކަން ކަރެކްޝަންސް އިން އާދީއްތަ ދުވަހު އަންގާފައިވާ ކަމަށާއި، އާއިލާގެ ފަރާތުން އެއްޗެހި ފޮނުވުމާއި ތަކެތި ހަވާލު ނުކުރެވޭނެ ކަމަށް އެންގި ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ، ރައީސް މައުމޫނާއި ބައްދަލު ކުރުމަށް ކަރެކްޝަންސްގައި އެދުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ވަކީލުންނާ ބައްދަލު ނުކުރެވޭނެކަން އަންގާފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މެންދުރު ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ފޯނުން ގުޅުއްވި ކަމަށެވެ. ނަމަވެސް އާއިލީ ބައްދަލުވުމަށް އަދި ފުރުސަތު ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
My father the Former President @maumoonagayoom just called me on the phone. Alhamdhulillaahi. Family visits still not allowed, form not accepted by @Corrections_Mv @amnesty @UNHumanRights @EU_Maldives @USAmbKeshap @JamesDauris @AkhileshIFS
— Yumna Maumoon (@yumna_maumoon) February 11, 2018
ރައީސް މައުމޫނާއި ބައްދަލު ކުރުމަށް ކަރެކްޝަންސް އިން ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާ އެމަނިކުފާނުގެ ވަކީލުން ކުރުމާއެކު ކަރެކްޝަންސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ، ރައީސް މައުމޫނުގެ ވަކީލުންނާއި ފޯނުން ގުޅުމުގެ ފުރުޞަތާއި، ބައްދަލު ކުރުމުގެ ފުރުޞަތު ލިބޭ ކަމަށާއި، މާފުށީ ޖަލުގެ ސަލާމަތީ ހާއްސަ ހާލަތު ދަށް ކުރުމާއެކު، އާއިލީ ބައްދަލުވުންތަކަށް ފުރުޞަތު ދޭނެ ކަމަށް ބުނެ މެންދުރުފަހު ޓްވީޓް ކޮށްފައެވެ.
އޭގެ ފަހުން ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް މައުމޫނަށް ގުޅުމުގެ ފުރުޞަތު އެމަނިކުފާނުގެ އާއިލާ އަށް ކަރެކްޝަންސް އިން ދީފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.
I can now confirm that Pres. @maumoonagayoom was given a call to family today by @Corrections_Mv
— Maumoon Hameed (@maanhameed) February 11, 2018
On his behalf, I thank the public for their concern. https://t.co/wZJJ8n58FI
ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ރެއެވެ. ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައެވެ.