ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒް ގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ރިސޯޓްތަކުގެ އޮކިއުޕެންސީ ވަރަށް ބޮޑުތަން ދަށަށް ދާނެ ކަމަށެވެ. މިކަމާ ގުޅޭ ހަބަރުތައް ރާއްޖެއަށް ފަތުރުވެރިން އަންނަ ހުރިހާ މުހިއްމު މަންޒިލްތަކަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާންމުކޮށް ވެސް މި ދުވަސްވަރަކީ އޮކިއުޕެންސީ އެންމެ ރަގަޅު ދުވަސްވަރު ކަމަށާއި ގިނަ އަދަދެއްގެ ކެންސެލޭޝަންސް ވެސް ލިބެމުންދާ ކަމަށް ރިއްފަތު ވިދާޅުވި އެވެ. މިއަހަރުގެ ފެބްރުއަރީ މަހަކީ 100 ޕަސެންޓް އޮކިއުޕެންސީ ގިނަ ރިސޯޓްތަކުގައި ފޯކާސްޓް ކުރެވުނު އަހަރެއް ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެކަމުގެ ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް އޭޖެންސީތަކުން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ރިސޯޓްތަކުގެ ބުކިން 50 ޕަސެންޓް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި އާންމުކޮށް، ގާތްގަނޑަކަށް ބުކިން ހެއްދުމަށް 30 ނުވަތަ 50 ކޯލް ލިބޭ ކަމަށާއި އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބުކިން ހެއްދުމަށް އެއްވެސް މީހަކު ނުގުޅާ ދުވަސްތައް ވެސް ހިމެނޭ ކަމަށެެވެ.
ބައެއް ގެސްޓް ހައުސްތަކުން ވެސް ބުނީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބައެއް ގެސްޓް ހައުސްތަކުން ، ބުކިންގ ކެންސަލް ކުރުމުގެ ސަބަބުން، 6000 ޑޮލަރާއި 8000 ޑޮލަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި މިއީ ގެސްޓް ހައުސް ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ވީ އެންމެ އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަކަށް ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް ވަނީ 143041 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާ އިރު ގާތްގަނޑަކަށް 20000 ގެ އިތުރުވުމެކެވެ. މީގެ އިތުރުން 2017 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރާއްޖެއަށް ވަނީ 44676 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާންމުގޮތެއްގައި އެންމެ ގިނައިން ފަތުރުވެއިން އައުން މަދުވެފައިވަނީ ނުވަތަ ކެންސެލޭޝަންސް އެންމެ ގިނައީ ޔޫރަޕްގެ ގައުމުތަކުން ކަމަށް ބައެއް ޓްރެވަލް އޭޖެންސީތަކުން ބުނެ އެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 15 ދުވަހުގެ މުއްދަތަށެެވެ.