ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމުގެ ތުހުމަތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަނެއްކާވެސް ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އަންގާރަ ދުވަހުގެ މެންދުރުފަހު 2:00އަށް ފުލުހަށް ހާޒިރުވާން މުސްތަފާއަށް ޗިޓު ފޮނުވާފައިވާއިރު، އެ މައްސަލާގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ވަކީލަކާއެކު ޖަވާބުދާރީވުމަށް މުސްތަފާއަށް އެ ދުވަހު ދިނީ ތިން ދުވަހުގެ ފުރުސަތެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް މުސްތަފާ ވާހަކަފުޅު ދައްކަވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުލުހުން ބުނީ އެ ޕްރޮގްރާމުގައި މުސްތަފާ ގޮވާލެއްވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ރައްޔިތުން ނުކުމެ ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ކަމަށެވެ.
މުސްތަފާ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ އޭނާއަށް ބިރު ދެއްކުމަށް ކަމަށެވެ. ނަމަވެސް އޭނާގެ އަޒުމަކަށް ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށާއި އިދިކޮޅު ހަރަކާތުގައި ދެމިހުންނަވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާގެ މައްޗަށް ތުހުމަތުކުރާ އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ރާއްޖެ ޓީވީ ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.