ދިވެހި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖެއަށް ހަމަޖެހުމާއި، ޑިމޮކްރަސީއާއި ކުރިއެރުން ލިބޭނެ ކަމަށް ދެކިނުލައްވާ ކަމަށް، ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް މެކްކިނަން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު މެކްކިނަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް ދެވެން އޮތް މަގަކީ މަޝްވަރާގެ މަގު ކަމަށާއި، ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށެވެ. އަދި ދިވެހި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖެއަށް ހަމަޖެހުމާއި، ޑިމޮކްރަސީއާއި ކުރިއެރުން ލިބޭނެ ކަމަށް ދެކިނުލައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
Very concerned detentions continue, including of Safaath. Govt of #Maldives needs to lift SOE and restore fundamental rights and freedoms. Inclusive dialogue is the way forward--can't see how the current approach will deliver stability, democracy or prosperity.
— David McKinnon (@McKinnonDavid) February 11, 2018
މެކްކިނަންގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ރައްޔިތުންނަށް އެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ދޭންޖެހޭ ކަމަށެވެ.
މީގެ އިތުރުން މެކްކިނަން ވަނީ ސަރުކާރުން އަދިވެސް އެކިއެކި ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރާއްޖޭގެ ހާލަތާއިމެދު ބޭރުގެ އެކިއެކި ފަރާތްތަކުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ގިނަ ޤައުމުތަކަކުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި، ޓްރެވަލް އެޑްވައިޒަރީތައްވެސް ނެރެފައެވެ.