ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެއްޓޭނެ ހައްގުތަކެއްވާ ކަމަށާއި ސިފައިން ތިޔަހެން ޤާފިލް ވެގެން ތިބެގެން ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ އެގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ވަކި މުއްދަތެއް ނެތް ގޮތަށް އެމަނިކުފާނާ ބައްދަލު ނުކުރެވޭގޮތަށް ހެދުމާ ގުޅިގެންނެވެ.
ދިޔާނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނުހިފެހެއްޓޭނެ ހައްގުތަކެއް ވާކަމަށާއި އެކަން ގާނޫނުއަސާސީގައި ވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. ވަކީލުންނާ ބައްދަލު ކުރުމާއި، ވަކީލެއްގެ އެހީތެރިކަން ލިބިގަތުމަކީ ނުހިފެހެއްޓޭނެ ހައްގެއް ކަމަށެވެ. ސިފައިން ތިޔަހެން ޤާފިލުވެފަ ތިބެގެން ނުވާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
Kulli Nurakkaluge Haalathugaves nuhifihetteyne hagguthakehvey; Ekan QA ga saafukoh bayaankohfavey; Vakeelunnaa baddhaluvumaa vakeelunge eheetherikan libigathumakee nuhifehetteyne haggeh; @MNDF_Official thiyahen ghaafiluvefa ovegen nuvaane. pic.twitter.com/ckjpKb8ujk
— Dhiyana (@dhiyanasaid) February 11, 2018
ގާނޫނީ ވަކީލުންނާއި އާއިލާގެ މެމްބަރުން ވެސް ރައީސް މައުމޫންއާ ބައްދަލު ނުކުރެވޭނެ ކަމަށް ސަރުކާރުން އެންގީ އާދިއްތަ ދުވަހު އެވެ. އާއިލާގެ ފަރާތުން އެއްޗެހި ފޮނުވިޔަސް އަދި ތަކެތި ހަވާލު ނުކުރެވޭނެ ކަމަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވާތާ، ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ ގަޑިއެއްހާއިރު ތެރޭގައެވެ.
ރައީސް މައުމޫން މައްޗަށް ތުހުމަތު ކުރަނީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.