ރައްޔިތުންގެ މަޖިލިސް ސިފައިން "ހިސޯރުކޮށްފައި" ވާއިރު، ޖަލްސާތައް ފަށާނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ނިންމާފައި އޮތީ މި މަހުގެ 5ގަ އެވެ. ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައި އޮތް މި ޖަލްސާ ކެންސަލްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް، ފެބްރުއަރީ 3 ވަނަ ދުވަހު މަޖިލީހުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ދުވަހު ބޭއްވެން ނެތުމުން، ވީހާ ވެސް އަވަހަކަށް އެ ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މަޖިލީހުގެ އިދާރާގެ ސީނިއާ އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތަސް، މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހެ އެވެ. އަދި ރިޔާސީ ބަޔާން ނީއްވި ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ދައުރު ކަނޑައަޅައި، ޖަލްސާތައް ފަށަންޖެހޭ ދުވަހާއި ނިންމަންޖެހޭ ދުވަސް ކަނޑައަޅާފައި އޮތުމުން ގާނޫނީ ގޮތުން މިހާރު މަޖިލިސް އޮތީ ހުޅުވިފައި ކަަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ.
"މަޖިލީހުގެ ގަވާއިދުގައި ދައުރު ކަނޑައަޅާފައި އޮތުމުން، މިހާރު މިއޮތީ މަޖިލިސް ފެށިފައި. ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޔާން ވެސް ހުށަހަޅަންޖެހޭ. މަޖިލީހުގެ ސީނިއާ އޮފިޝަލުން އަދި ގާނޫނީ ވަކީލުން ވެސް ގަބޫލުކުރައްވަނީ މިގޮތަށް،" ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ޖަލްސާތައް ގަވާއިދާ އެއްގޮތަށް ނުފަށައި އޮތީ ސަރުކާރުގެ ނުފޫޒު އޮތުމުންނާއި، ޖަލްސާތައް ފަށަން މަޖިލީހުގެ ރައީސް ބޭނުންފުޅު ނުވާތީ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި ކޮންމެ ދައުރެއްގެ ފުރަތަމަ ޖަލްސާ ބާއްވާނީ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ.
ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލަވާލެވޭ ރިޔާސީ ބަޔާނެއް އިއްވަން ވާނެ އެވެ. ނަމަވެސް އެ ބަޔާން އިއްވާނެ ދުވަހެއް އަދި ނޭނގެ އެވެ.