ހޯދަމުންދާތާ ތިން ދުވަސް ވީއިރުވެސް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ފުލުހުންނަށް ނުފެނުނެވެ.
ފުލުހުން ހިންގަމުންދާ ތަހުގީގަކަށް ކަމަށް ބުނެ އިލްހާނު ނުފެނިގެން ފުލުހުން އިލްހާމް ހޯދަށް އިއުލާން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެއިއުލާނުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ވެސް ހޯދަން އިއުލާންކޮށްފައި ވެއެވެ. ފުލުހުން ހުކުރު ދުވަހު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ މެމްބަރުން ހޯދަމުންދަނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން, އުޅޭ ތަނެއް އެނގިފައި ނުވާތީ ކަމަށެވެ. އެހެން ކަމުން އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް އަންގަދިނުމަށް އާންމުންގެ ކިބައިން އެދިފައިވެއެވެ.
ހުކުރު ދުވަހު ފުލުހުން ކުރި އިއުލާނާ ގުޅިގެން ސިނާނު ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވެސް އެ ދެ މެމްބަރުން ހޯދަން ފުލުހުން ހޯދަން އިއުލާންކުރިއެވެ. އަދި އޭގެ ފަހުން އެ ދެ މެމްބަރުން ރާއްޖެ ވަޑައިގެން، ވެލާނާ އިންޓާރނޭޝަނަލް އެއާރޕޯޓުން އެ ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މެންބަރުން ދޫކޮށްލަން ވަނީ އަމުރު ކޮށްފައެވެ.
އިލްހާމާއި ސިނާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމަށް ފަހު ފުލުހުން ދެއްކި ވާހަކަ އިން އެނގުނީ އެ ދެ މީހުންގެ މައްޗަށް ކުރާ ތުހްމަތަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ދެއްވި ރިޝްވަތުގެ ފައިސާގައި ހިފުމެވެ. ނަމަވެސް އެ ދެ މެމްބަރުން ވެސް ވަނީ އެ ތުހްމަތުތަކަށް އިންކާރު ކުރައްވާފައެވެ. ފާރިސް ވަނީ ހައްޔަރު ކޮށްފައެވެ.