މިހާރު ރާއްޖޭގައި އިއުލާންކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭގޮތުން ބޭރު އެއްވެސް ޤައުމެއްގެ އަސްކަރީ އެހީއަށް އެދިފައިނުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
އާދިއްތަ ދުވަހު ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ބޭރުގެ އަސްކަރީ އެހީއަށް ރާއްޖެއިން އެދިފައިވާކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީ އެކަމާއި ކަންބޮޑުވާކަމަށެވެ. އަދި އެފަދަ އެހީއަކަށް އެދިފައިނުވާނެކަމަށާއި، ހުރިހާ ފަރާތަކުންވެސް ޤާނޫނަށް ބޯލެނބުމަށް ގޮވަލާކަމަށެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ޤާބިލްކަން ރާއްޖެއަށް ލިބިގެންވާކަމަށާއި، ކަންކަންކުރުމަށް ވަގުތު ދިނުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށްވެސް ޑިފެންސް މިނިސްޓްރީއިން ބުނެފައިވެއެވެ.
ޑިފެންސް މިނިސްޓްރީއިން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބޭރު އެއްވެސް ޤައުމެއްގެ އަސްކަރީ އެހީއަށް އެދިފައިނުވާނެކަމަށް ބުނެފައިވާއިރު، ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު އިޢުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަކުރަމުންދާކަން ފާހަގަކުރާކަމަށެވެ. އެހެން ނަމަވެސް ތަފްޞީލަކަށް ގޮސްފައެއް ނުވެއެވެ.
ރާއްޖެއިން ޗައިނާގެ އަސްކަރީ އެހީއަށް ނުސީދާކޮށް އެދުނުކަމަށް ދިވެހި މީޑިއާގައި ރިޕޯޓްކޮށްފައިވަނީ އިންޑިއާގެ އެންމެ ބޮޑު އެއް ނޫސްކަމަށްވާ ޓައިމްސް އިންޑިއާ އާއި ޙަވަލާދީއެވެ. އެނޫހުގައި ބުނެފައިވަނީ ރާއްޖޭގައި ތިބި ޗައިނާ މީހުންނާއި ޗައިނާގެ އިންވެސްޓްމަންޓްތައް ޙިމާޔަތްކޮށްދިނުމަށް އެދި، ނުސީދާކޮށް ޗައިނާގެ އަސްކަރީ އެހީއަށް ރާއްޖެއިން އެދުނުނަމަވެސް ޗައިނާއިން އަސްކަރީ އެހީ ދޭން ދެކޮޅު ހެދިކަމަށެވެ. އަދި ރާއްޖޭގައި ތިބި ޗައިނާ މީހުން ޙިމާޔަތްކުރުމުގެ ޤާބިލްކަން ދިވެހިންނަށް ލިބިފައިވާކަމަށް ޗައިނާއިން ބުނެފައިވާތީ، އެކަން އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހުކުރު ދުވަހު ފާހަގަކުރެއްވިކަަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.