ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާ ހައްގުތައް ސަރުކާރުން ހިފަހައްޓައިފި އެވެ.
ގާނޫނީ ވަކީލުންނާއި އާއިލާގެ މެމްބަރުން ވެސް މައުމޫނާ ބައްދަލު ނުކުރެވޭނެ ކަމަށް ސަރުކާރުން އެންގީ މިއަދުއެވެ. އާއިލާގެ ފަރާތުން އެއްޗެހި ފޮނުވުން ވެސް ތަކެތި ހަވާލު ނުކުރެވޭނެ ކަމަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ ހައްގުތައް ހިފަހައްޓާފައިވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވެސް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ޝަމީން ވިދާޅުވީ މައުމޫނާ ބައްދަލު ކުރެއްވުމަށް އާދީއްތަ ދުވަހު ކަރެކްޝަންގައި އެދުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ބައްދަލު ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސެއްގެ ހައިސިއްޔަތުން މައުމޫނަށް ލިބިވަޑައިގަންނަވާ ހައްގުތަކުން މަހުރޫމްކޮށްފައިވާއިރު، އާންމު ދިވެހި ރައްޔިތަކަށް ލިބިވަޑައިގަންނަވާ ހައްގުތައް ވެސް މައުމޫނަށް ލިބިވަޑައިނުގަންނަވާތީ ޝަމީން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ އެމަނިކުފާނުގެ ހާލުކޮޅާމެދު. ދިރިހުރިކަމެއް ވެސް ނޭނގޭ،" ޝަމީމް ވިދާޅުވިއެވެ.
މައުމޫން ހައްޔަރުކޮށްފައިވާތާ، ހަފްތާއަކަށް ވުރެ ގިނަ ދުވެސްވެއްޖެއެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު މައުމޫން ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ ގަޑިއެއްހާއިރު ތެރޭގައެވެ.
މައުމޫން މައްޗަށް ތުހުމަތު ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.