މޯލްޑިވްސް ޑިވެލޮޕްމަންޓު އެލެޔަންސް (އެމްޑީއޭ) ގެ ނާއިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ހެއްދެވި ދޮގާއި ބެހޭގޮތުން ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދީނީ ކަންކަމުގައި ދޮގު ހަދައިގެން އޮޅުވާލުމަކީ އޭގެ ނުބައިކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. ޑރ. އިޔާޒުގެ އެ ޕޯސްޓުގައި ވަނީ ބަޔަކު މީހުން ބާއްވާ ޖަލްސާ އަކަށް ނުގޮސްފި ނަމަ ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެޔޭ ކިޔާ ދޮގު ހަދާ ބިރުދައްކާއިރު އެ ދޮގާއި ބެހޭ ގޮތުން ސުވާލު ކުރެވޭނެ ކަން ހަނދާން ނެތުނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
"މަގޭ ދީނާ މަގޭ ގައުމާ" ގެ ނަމުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް ނުދާ އިލްމުވެރިންނާއި މެދު ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެ ޖަލްސާ ޕްރޮމޯޓް ކުރުމަށް ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މައުރޫފް ވިދާޅުވެފައިވަނީ "މިފަދަ އެއްވުންތަކުގަ. މިފަދަ ގައުމީ މިފަދަ ދީނީ އެއްވުންތަކުގަ ބައިވެރިނުވާކަމުގަވަންޏާ އެބޭފުޅުންނާއި ދޭތެރޭ ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ދީނީ އިލްމުވެރިންނަށް މިކަމުގަ ތާއީދުކޮށް މިރޭގެ ޖަލްސާގަ ބައިވެރިވާން." މިހެންނެވެ.